gaafaru ice plant MOU

މަޑުއްވަރީއާއި ގާފަރު އައިސްޕްލާންޓްގެ މަސައްކަތް ނިންމަން މިފްކޯއާއި ހަވާލުކޮށްފި

ރ.މަޑުއްވަރީއާއި ކ.ގާފަރު އައިސްޕްލާންޓްގެ މަސައްކަތް ނިންމަން މިފްކޯއާއި ހަވާލުކޮށްފިއެވެ.

މި ދެރަށުގެ އައިސްޕްލާންޓްގެ މަސައްކަތް މިފްކޯއާއި ހަވާލުކުރީ  150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ފިޝަރީޒް މިނިސްޓަރު ޒަހާ ވާހީދާއި މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީއެވެ.

މި ދެ ރަށުގައި ވެސް ބަހައްޓަނީ 25 ޓަނުގެ އައިސްޕްލާންޓެވެ. މިއައިސްޕްލާންޓް ޤާއިމްކުރަނީ 50 ޓަނުގެ ސްޓޯރޭޖަކާ އެކީގައެވެ.

މި ދެރަށުގެ އައިސްޕްލާންޓް ޤާއިމް ކުރުމުގެ މަސައްކަތް މިފްކޯއާއި ހަވާލުކުރީ ކުރިން އެމަސައްކަތް ހަވާލުކުރި ކުންފުންޏަށް އެ މަސައްކަތް ނުނިންމުމުންނެވެ. 2020 ވަނަ އަހަރުގެ މާރޗްމަހުގެ ނިޔަލަށް މަޑުއްވަރީގައި އައިސްޕްލާންޓް ޤާއިމްކޮށް ނިންމުމަށް އަމިއްލަ ކުންފުންޏަކާ އެކު އެެއްބަސްވުމުގައި ސޮއި ކުރީ 13 ނޮވެމްބަރު 2019 ގައެވެ. ނަމަވެސް އައިސް ޕްލާންޓް ނިންމަން ދީފައިވާ މުއްދަތު ހަމަވިއިރުވެސް މަސައްކަތް ނިންމާފައިނުވާތީ އެމަސައްކަތް ނިންމުމަށް ބޭނުންވާ މާލީ ޤާބިލްކަން އެކުންފުނީގެ ނެތްކަމަށްބުނެ މިއަހަރުގެ އޮގަސްޓުމަހު 13 ވަނަ ދުވަހު އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފައިވާކަމަށް މިނިސްޓަރު ޒަހާ ވަހީދު ވަނީ ވިދާޅުވެފައެވެ.

މިއިން ކޮންމެ ރަށެއްގައި އައިސްޕްލާންޓް ބެހެއްޓުމަށް 4.1 މިލިޔަން ރުފިޔާ ހޭދަވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!