131423

މިއަދުން ފެށިގެން މަސްދޯނިފަހަރަށް ލައިސެންސް ލިބޭނީ ދޯނީގެ ފޮޓޯއާއެކު އެޕްލިކޭޝަން ފޯމް ހުށައެޅުމުން

މަސްދޯނިފަހަރަށް މަސްވެރިކަމުގެ ލައިސެންސް ހޯދަން އެޕްލިކޭޝަން ފޯމު ހުށައަޅާއިރު ދޯނީގެ ފޮޓޯއާއެކު ފޯމް ހުށައަޅަންޖެހޭ ގޮތަށް ފިޝަރީޒް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އެމިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިގޮތަށް ނިންމަން ޖެހުނީ، އިންޑިއާ ކަނޑުގައި ކަނޑުމަހުގެ ބާވަތްތައް މެނޭޖްކުރުމަށް އެކުލަވާލައިފައިވާ ސަރަހައްދީ ޖަމްއިއްޔާ ކަމުގައިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން ކަނޑައަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އިންޑިއާ ކަނޑުގައި ކަނޑުމަހުގެ މަސްވެރިކަން ކުރުމަށް ހަރަކާތްތެރިވުމަށް ޤައުމުތަކުން ލައިސެންސް ދީފައިވާ އުޅަނދުފަހަރުގެ މަޢުލޫމާތު ހިމެނޭގޮތުން އެކޮމިޝަނުން އެކުލަވާލާފައިވާ "އޮތޮރައިޒްޑް ފިޝިން ވެސަލް ލިސްޓް"ގައި ކުރިއަށްއޮތް ތާންގައި އުޅަނދުގެ ފޮޓޯވެސް ޖަހަން ޖެހޭގޮތަށް ކަނޑައަޅާފައިވާތީ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން ލައިސެންސް ހޯދަން ހުށައަޅާ އެޕްލިކޭޝަން ފޯމާއެކު ދޯނީގެ 3 ފޮޓޯ ފޮނުވުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އެދިފައެވެ. އުޅަނދުގެ ފޮޓޯ ނެގުމަށްފަހު ވައިބަރ ނުވަތަ ވަޓްސްއަފް އިން 7928721 މި ނަމްބަރަށް ފޮޓޯ ފޮނުވޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!