މަސްވެރިކަމާއި ގުޅޭ

އޮޑިދޮށުމަސް - ފޮޓޯ: ވިކިޕީޑިއާ

އޮޑިދޮށުމަސް

އޮޑިދޮށުމަހަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި އުޅޭ، ދިވެހިން ރޭގަޑުކުރާ ކެޔޮޅުކަމުގައި މަދުމަދުން ބޭނޭ ރަތްމަހާއި ވަރަށް އެއްސިފައެއްގެ މަހެކެވެ.

ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މަހެއްވެސްމެއެވެ. މިމަސް ގިނައިން އުޅެނީ ފަރުފަރުގެ ގުންޑޮޅިތަކުގެ ނިވާކަން ހޯދައިގެންނެވެ. މިމަސް 100 މީޓަރު ފުނުގައިވެސް އުޅެއެވެ. މިބާވަތުގެ ކުދިމަސް ވިލުވިލުގައްޔާއި، ކިސަޑުހުންނަ ހިސާބު ތިލަފަށުގައާއި ކުޅިކުޅީގައިވެސްއުޅެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 13 އާއި 15 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ.

ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 3 ނުވަތަ 9 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަޑުގައި 16 ނުވަތަ 17 މަޑުކަށިހުރެއެވެ. މިމަހުގެ ކުލައަކީ ރަތްމުށިކުލައެކެވެ. މަހުގެ ބަނޑުދަށްފަރާތް ހުންނަނީ ހުދުކުލައެއްގައެވެ. ހުޅުނބުތަކުގައި ރިހި ވިދުމެއް ހުރެއެވެ. އޮޑިދޮށުމަހުގެ ކުރިމަގުގެ ލޮލުގެ ތިރީގައި ނޫ ކުލައިގެ 1 ނުވަތަ 2 ރޮނގުހުރެއެވެ. އަދި އަރިމަތީގައި ފުޅާރޮނގުތަކެއް ފަނޑުކޮށްހުރެއެވެ. އޮޑިދޮށުމަސް އެންމެ ބޮޑުވަނީ ގާތްގަޑަކަށް 1.2 މީޓަރަށްކަމުގައި ވިޔަސް ގިނައިން ފެންނަ އެންމެ ބޮޑެތިމަހުގައި ހުންނަނީ 80 ސެންޓިމީޓަރެވެ. މިމަހުގެ ޢާއްމު ކާނާއަކީ މަހާއި، ކަކުނިފާޑުގެ ސޫތްޕެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Mangrove red snapper

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!