މަސްވެރިކަމާއި ގުޅޭ

މަދަރާސީ މަސް - ފޮޓޯ: ނީ ސޮން ފުޑް ގްރޫޕް

މަދަރާސީ މަސް

ރާއްޖޭގެ ފަރުފަޅުތަކުން ވަރަށްމަދުން ހިޅޭމަހެކެވެ. މިބާވަތުން މިހާތަނަށް ރާއްޖޭގައި ރެކޯޑްކުރެވިފައިވަނީ އެންމެމަހެކެވެ.

މިމަސް ހިފާފައިވަނީ ކޮށިފައްތައިގެން ކ. ފޭދޫފިނޮޅު ކައިރިން 40 މީޓަރުފުނުންނެވެ. މިއީ ކެއުމަށް އެންމެ ރަގަޅުމަހެކެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 13 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަރިހުރެއެވެ. ކަންފަތްގަޑުގައި 16 ނުވަތަ 17 މަޑުކަށިހުރެއެވެ. މިމަހުގެ ކުލައަކީ ފަނޑު ހުދުކުލައެކެވެ. ބޮލުގެ ކުލައަކީ ފިޔާތޮށިކުލައެކެވެ. މަތީ ކޮތަރިބަޔާއި ބަނޑުދަށްފަރާތު ކޮތަރިބަޔާއި، ކަންފަތްގަޑާއި ނިގޫފަތް ހުންނަނީ ރީނދޫކުލައިގައެވެ. މަހުގެ ދިގަށް ކޮންމެ ހުޅުނބުބަރިއެއްގެ ދޭތެރޭ ރީނދޫކުލައިގެ ހިމަރޮނގެއްހުރެއެވެ.

މިމަސް ޢާއްމުގޮތެއްގައި ދުނިޔޭގެ ތަފާތު ހިސާބުތަކުގައި ހިފާފައި ހުންނަނީ މަސްކޮށިންނާއި ނަނުފައްތައިގެން ކުރާ ކެޔޮޅުކަމުގައެވެ. ގާތްގަޑަކަށް 5 މީޓަރާއި 90 މީޓަރާ ދެމެދުގެ ފުންމިނުންނެވެ. މިމަސް އެންމެ ބޮޑުވަނީ 30 ސެންޓިމީޓަރަށްކަމުގައި ވިޔަސް ގިނައިން ފެންނަ މިބާވަތުގެ އެންމެ ބޮޑެތި މަހުގައި ހުންނަނީ 20 ސެންޓިމީޓަރެވެ. މިމަހަށްކިޔާ ވަކި ޚާއްސަނަމެއް ރެކޯޑްކުރެވިފައެއްނެތެވެ. މިމަހަށް "މަދަރާސީމަސް ” ކިޔާފައިވަނީ މިމަހަށްކިޔާ ސައިންޓިފިކްނަމާއި އިގިރޭސިނަމާ ގުޅޭގޮތުންނެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Indian snapper, Madras snapper

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ތި މަހަށް ނައިފަރު މީހުން ކިޔަނީ މަޑު ދޮންމަހެވެ. ތިމަސް ޅ. އަތޮޅު އެތެރެވަރި ތެރޭން ވަރަށް ގިނަ ސަރަޙައްދުން ވަރަށް ދަހިކޮށް ގަނެއެވެ. ތި މަހަކީ ވަރަށް މީރު ގަރުދި ކިރުގަރުދިޔަ އަދި ފިހެލައިގެންވެސް ކައިލާން އަނގަޔަށްވެސް ނުހަނު މީރު މަހެކެވެ.

  2. ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް. އަދިވެސް މަސްތަކާއި ބެހޭގޮތުން މައުލޫމާތު ގެނެސްދޭނެކަމަށް އުއްމީދުކުރަން.

Comments are closed.