ބާޚިރާ ދޯނީގައި ކެޔޮޅު ރަޝީދު
ބާޚިރާ ދޯނީގައި ކެޔޮޅު ރަޝީދު

ގައި ބާރު ކެނޑެންދެން ދާން ބޭނުންވަނީ މަހަށް: ކެޔޮޅު ރަޝީދު

ފަރެސް މާތޮޑާގައި ގިނަ އަދަދެއްގެ މަސް ދޯނި ފަހަރު އޮންނަ އިރު އެރަށު ބާޚިރާ ދޯންޏަކީ ފާހަގަކޮށްލެވޭ ދޯންޏެކެވެ. މިފަހުން ނޫސްތަކުގެ ފަލަ ސުރުޙީތަކަށް މި ދޯނީގެ ވާހަކަވަނީ އަރާފައެވެ.

އޭރު މި ދޯނީގެ ވާހަކަ ނޫސްތަކަށް އަރާފައިވަނީ މިފަހަކަށް އައިސް އެއްދުވަހުން އެންމެ ގިނަ އަދަދެއްގެ މަސް ބާނައިގެންނެވެ. އެ ދޯނިންވަނީ މިދިޔަ ސެޕްޓެމްބަރު މަސްތެރޭ 48 ޓަނުގެ މަސް ބާނާފައެވެ.

ބާޚިރާ ދޯނި ގިނަ އަދަދަކަށް މަސްބާނައިގެން ރަށަށް ދިއުމުން ދޯނީގެ މަސްވެރިންގެ އަނބިންގެ ފަރާތުން އެކަން ފާހަގަކޮށް ބޭއްވި ހަފްލާގައި ދޯނީގެ ކެޔޮޅުންނާއި މަސްވެރިން ބައިވެރިވަނީ

މަސްވެރިން އެމްވީގެ ފަރާތުން މިވަނީ ބާޚިރާ ދޯނީގެ ކެޔޮޅު މުޙައްމަދު ރަޝީދު އާއި ވާހަކަދައްކާލާ، މަސްވެރިކަމުގައި ހުރި ދަތިތަކާއި މަސްވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ރަޝީދުގެ ޙިޔާލްތައް ހުރި ގޮތްތައް ހޯދާފައެވެ.

ރަޝީދު ޒުވާން އުމުރު ފުރައަށް އަރައިގެން އައި އިރު ކުރި މަސައްކަތަކީވެސް މަހަށް ދިޔުމެވެ. އެއަށްފަހު 3 އަހަރުވަންދެން ޓެކްސީ ދުއްވަން ރަޝީދު އުޅުނެވެ. ނަމަވެސް އަނެއްކާވެސް ކުރަން ފެށި މަސައްކަތަކީ މަހަށް ދިޔުމެވެ. ރަޝީދުގެ އުމުރުން މިހާރު 54 އަހަރު ފުރިފައިވާއިރު، ކެޔޮޅުކަން ކުރާތާ 15 ވަރަކަށް އަހަރުވަނީ ވެފައެވެ.

ބާޚިރާ ދޯނި

ރަޝީދުގެ އުމުރުގެ ބޮޑު ބައި ހޭދަވެފައިވަނީ މަސްވެރިކަމުގައެވެ. އޭނާވަނީ މަސްވެރިކަން އެންމެ ކުރީގައި ކޮށް އުޅުނު ގޮތްވެސް ތަޖުރިބާކޮށްފައެވެ.

"އެންމެ ކުރީގައި މަހަށް މިދިޔައީ އަނގަމަތި މަސް ދޯނީގައި، ކުދި ދޯނިތަކެއް އެއީ، ވާރޭ ވެހުނަސް އޭގައި، ކައްކާ ކެވޭކަށް ނުހުރޭ، ފެންވެރޭކަށް ނުހުރޭ، މިހާރު އެހެންނެއް ނޫން، މިހާރުގެ ދޯނިތަކުގައި ކިތައްމެ ދުވަހެއް ވިޔަސް އެކަހަލަ ދަތިތަކެއް ނުހުންނާނެ،" ރަޝީދު ބުންޏެވެ.

ބާޚިރާ ދޯންޏަކީ ފަރެސްމާތޮޑާގައި ދުއްވާ އެންމެ ބޮޑު ދޯންޏެވެ. މިދޯނީގައި 35 ވަރަކަށް މަސްވެރިން އުޅެއެވެ.

ރަޝީދު ފާހަގަކުރާގޮތުގައި މަސްވެރިކަން ރަނގަޅު ނަމަވެސް މަސްވެރިކަމުގައި ގިނަ ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މަސް ކިރަން ދުރަށް ދުއްވަން ޖެހުމުން ގިނަ އަދަދެއްގެ ތެޔޮ އަދަން ޖެހޭ ކަމަށެވެ. އަދި އައިސްވެސް ގަތުމަށް ބޮޑު ޙަރަދެއް ކުރަން ޖެހޭ ކަމަށް ރަޝީދު ބުންޏެވެ.

"އައްޑޫ ކައިރިން މަސް ބާނައިގެން، ކޫއްޑޫއަށް މަސް ކިރަން އެބަ ޖެހޭ 70 ވަރަކަށް މޭލަށް ދުއްވަން، ދެން މަސް ނުކިރުވި ހޭދަވާ ވަގުތުތަކަކީ މަސް އިތުރަށް ނުބޭނި ތިބެން ޖެހޭ ވަގުތުތައް، އެބަ ޖެހޭ ކޫއްޑޫވެސް ރަނގަޅުކޮށް، މިފްކޯ ބޯޓުތައް މަރާމާތުކޮށް މަސްވެރިންނަށް ފަސޭހައިން މަސް ކިރޭނެ ގޮތް ހަދައިދޭން،" ރަޝީދު ބުންޏެވެ.

ކެޔޮޅު ރަޝީދު

ރާއްޖޭގެ މަސްވެރިކަމުގައި ގިނަ ދަތިތަކެއް ހުރި ނަމަވެސް ރަޝީދުގެ ފޮނި އުއްމީދުތަކެއް އެބަ ހުއްޓެވެ. އެގޮތުން ކުރިމަގުގައި މި ސިނާއަތަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާތަން ދެކެން އޭނާ ބޭނުންވެއެވެ.

ރަޝީދު ބުނީ މިހާރު ރާއްޖޭގައި މަސްވެރިކަމުގައި ހަރަކާތްތެރިވަނީ ގިނައިން ޒުވާނުންކަމަށެވެ. އަދި ކުރިއަށް އޮތްތާގައިވެސް މަސްވެރިކަމަށް ވަންނަ ޒުވާނުން އިތުރުވާނެ ކަމަށް ރަޝީދު ލަފާކުރެއެވެ. އަދި ގިނަ ޒުވާނުން މިދާއިރާއަށް ވެއްދުމަށް އޭނާ މަސައްކަތްކުރާނެ ކަމަށްވެސް ރަޝީދު ބުންޏެވެ.

ރަޝީދުވެސް މި ދާއިރާއަށް ދުރަށް ދިޔުމުގެ ވިސްނުމެއް ނެތެވެ. އޭނާ ބޭނުންވަނީ ގައި ބާރު ކެނޑެންދެންވެސް މަހަށް ދާށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މުޅި ހަޔާތް ކަހަލަ ގޮތަކަށް މަސްވެރިކަމުގަ. ﷲގެ އިރާދަފުޅުންރާއްޖޭގެ އެއްމެ ކުރީގަ. އެކަމަކުވެސް ފަރެސްމާތޮޑާ، ފަރެސް އަވަށު އެވިލާ ހަސަން ޒަރީރުގެ ވާހަކަ ދައްކާނެ ފަރާތެއް ނެތުމަކީ ދެރަ ކަމެއް. މިހާރުވެސް ހަސަން ޒަރީރުގެ ދަރިވަރުން ދަނީ މަސްވެރިކަމުގެ ދާއިރާގައި ކުރި އަރައި އެދާއިރާގައި ފައިތިލައ ސާބިތު ކުރަމުން.
    ބާހިރާގެ ހގީގީ ކެޔޮޅަކި ހަސަން ޒަރީރު.