އާ އަހަރާއި ދިމާކޮށް ކޮންމެ އަހަރެއްގައިވެސް ޗަޕާނުގެ ޓޮޔޮސު މަސް މާރުކޭޓުގައި ބާއްވާ ނީލަމުގައި މިއަހަރު އެންމެ އަގުބޮޑުކޮށް ވިކުނު މަހުގެ އަގަކީ މިދިޔަ އަހަރު އެންމެ އަގުބޮޑުކޮށް ވިކުނު މަހުގު 10 އިންސައްތަ ކަމަށް މި ނީލަން އިންތިޒާމް ކުރާ ފަރާތުން ހާމަކޮށްފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މިއަހަރުގެ ނީލަމުގައި ބައިވެރިވެފައިވާ ފަރާތްތައްވެސް މަދެވެ. މިއާ އެކު ގަންނަން އައިސް ތިބި ފަރާތްތަކުގެ މެދުގައި މާކަ ބޮޑު ވާދަވެރިކަމެއް ނެތެވެ.
އެހެން އަހަރު ތަކުގައި އެންމެ އަގުބޮޑުކޮށް ވިއްކާލެވޭ މަހުގެ އަގު މިލިއަން ޑޮލަރަށް އަރައެވެ. އެހެން ނަމަވެސް މިއަހަރު އެންމެ އަގުބޮޑުކޮށް ވިއްކާލެވިފައިވަނީ 202065 ޑޮލަރަށް ވިކުނު ނޫ އުރަހަ ކަންނެއްޔެކެވެ.
މިދިޔަ އަހަރުގެ ނީލަމުގައި ވަނީ 1.87 މިލިއަން ޑޮލަރަށް ނޫ އުރަހަ ކަންނެއްޔެއް ވިއްކާފައެވެ. މިއީ މިހާތަނަށް ރެކޯޑު ކުރެވިފައިވާ ދެވަނައަށް އެންމެ ބޮޑު އަގެވެ.
މިއަހަރުވެސް އެންމެ ބޮޑު އަގެއް ދީފައި ނޫ އުރަހަ ކަންނެލި ގަނެފައިވަނީ މީގެ ކުރީ އަހަރުތަކުގައިވެސް މި ނީލަމުގައި އެންމެ ބޮޑު އަގެއް ދީފައި މަސް ގަންނަ ފަރާތްކަމަށްވާ ޗަޕާނުގައި ޝޫޝީ ރެސްޓޯރަންޓް ހިންގާ ފަރާތެއް ކަމަށްވާ ކިޔޮޝި ކިމުރާއެވެ.
ކޮޔޮޝި ނީލަން ކާމިޔާބު ކުރުމަށްފަހު މީޑިއާ ތަކާއި ވާހަކަދައްކަމުން ބުނެފައިވަނީ ކޮވިޑުގެ ހާލަތާއި ގުޅިގެން އޭނާ އެހާ މަތިން ބިޑުކުރަން ބޭނުން ނުވީ ކަމަށެވެ. ސަބަބަކީ މަތިން ބިޑުކޮށް އެ ބިޑު ކާމިޔާބުވުމުން މީޑިއާތަކަށް އެވާހަކަ އަރާ، ގިނަ އަދަދެއްގެ މީހުން އޭނާ ގެ ރެސްޓޯރެންޓުތަކަށް ޖަމާވާ ކަމަށެވެ. އަދި މި ދުވަސްކޮޅަކީ އެހާ ގިނަ މީހުން އެއްވެ އުޅުން ރަނގަޅު ދުވަސްކޮޅަކަށް ނުވާތީ، ރެސްޓޯރެންޓުގައި ކިޔު ހަދާ މީހުން ގިނަ ކުރަން އޭނާ ބޭނުން ނުވާ ކަމަށް ކިމުރާ ބުންޏެވެ.

2019 އަހަރު ބޭއްވި ނީލަމެއްގައި ކިޔޮޝި ކިމުރާ ވަނީ 3 މިލިއަން ޑޮލަރަށް ކަންނެއްޔެއް ގަނެފައެވެ. މިއީ މިހާތަނަށް ރެކޯޑު ކުރެވިފައިވާ އެންމެ ބޮޑު އަގެވެ.
ކޮވިޑް-19 އާއި ގުޅިގެން މިއަހަރުގެ ނީލަން ކުރިއަށް ގެންގޮސްފައިވަނީ އެހެން އަހަރުތަކާއި ތަފާތުކޮށެވެ. އެގޮތުން އާއްމުންނަށް ނީލަން ބަލާލުމުގެ ފުރުސަތު ދީފައެއް ނުވެއެވެ. އަދި ނީލަމުގައި ބައިވެރިވި ފަރާތްތައް ތިބީ މާސްކު އަޅައިގެންނެވެ.
ނޫ އުރަހަ ކަންނެއްޔަކީ ދުނިޔޭގައި އެންމެ އަގުބޮޑު މަހުގެ ބާވަތެވެ. މިއީ ވަރަށް މަދުން ފެންނަ މަހުގެ ބާވަތަކަށްވާއިރު ބައެއް ޤައުމުތަކުގައި ނޫއުރަހަ ކަންނެލި ބޭނުމަކީ މަނާކަމެކެވެ.