މަސްވެރިންނަށް ވިއްކާ އައިސްއިން ޖީއެސްޓީ ކަނޑާލުމަށް މަޝްވަރާ ކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން ކުރިއަށްގެންދިޔަ މަސްވެރިންގެ ސައްލާ ޕްރޮގްރާމްގައި ބައިވެރިވި މަސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދު ވިދާޅުވީ، އައިސް އިން ޖީއެސްޓީ ކަނޑާލުމަށް އެއްވެސް ގޮތެއް އޮތްތޯ ބަލަން ދެ ކުންފުންޏަކުން މިނިސްޓްރީއަށް ޝަކުވާ ހުށައަޅާފައިވާކަމަށާއި މިކަން ހައްލުކުރުމަށް މީރާ އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"މި ޝަކުވާ އައުމާ ގުޅިގެން މިކަމަށް އޮތީ ކޮން ހައްލެއްތޯ ބަލަން މަޝްވަރާ ފަށައިފިން. އަޅުގަނޑަކަށް ނޭންގެ މިވާހަކަ ދާނެ ގޮތެއް. އަދި ފެށުނީ މި. ކޮންހަލަ ބަދަލެއް ގެނެސްގެންތޯ މިކަން ވާނީ އަދި ދަންނަވަން ނޭންގެ، ޤާނޫނަށް ބަދަލެއް ގެނެސްގެންތޯ، މީރާ ޤަވާއިދަށް ބަދަލެއް ގެނެސްގެންތޯ އަދި ދަންނަވަން ނޭންގެ. މިދިޔަ ހަފްތާގައި މަޝްވަރާތައް މި ފެށުނީ." ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދު ވިދާޅުވިއެވެ.
އައިސްގެ މައްސަލަޔަކީ މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑު ވުމެއްކަން ފާހަގަކުރައްވަމުން ޒިޔާދު ވިދާޅުވީ މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް އިތުރު އައިސް ޕްލާންޓްތައް އަޅަން ޖެހޭކަމަށެވެ.
"އައިސްގެ މައްސަލަޔަކީ މަސްވެރިންނަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް. ދާއިމީ ހައްލެއް ހޯދަން ޖެހިފައިވާކަމެއް. އިތުރު އައިސްޕްލާންޓް ތައް ޤާއިމް ކުރަންޖެހޭ ކަމެއް." ޒިޔާދު ވިދާޅުވިއެވެ.
ތެލާ އެއްގޮތަށް އައިސް އަކީ މަސްދޯނި ފަހަރަށް ކޮންމެހެން ބޭނުންވާ އެއްޗެެކެވެ. އައިސް ނުލިބިގެން މަހަށް ނުފުރި ތިބެން ހާލަތްތައް އަންނަކީ މަދެއްކޮށެއް ނޫނެވެ. އައިސް އަގުބޮޑުވެ އަދި އައިސް ލިބުން ދަތިވުމަކީ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.



