މަސްވެރިކަމާއި ގުޅޭ

ރީނދޫ ބަނޑުލީ ކަނޑު ހަރުފަ - ފޮޓޯ: އޮސްޓްރޭލިއަން ޖިއޯގްރަފިކް
ރީނދޫ ބަނޑުލީ ކަނޑު ހަރުފަ - ފޮޓޯ: އޮސްޓްރޭލިއަން ޖިއޯގްރަފިކް

ރީނދޫ ބަނޑުލީ ކަނޑު ހަރުފަ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެންނަ ވިހަލާ ހަރުފައެއް. ހިފައި ގެންގުޅުމުގައި ސަމާލުވޭ!

ޔެލޯ ބެލީޑް ސީ ސްނޭކް(ސައިންޓިފިކް ނަން: Hydrophis platurus)، ދިވެހި ބަހަށް ތަރުޖަމާކުރާނަމަ ރީނދޫ ބަނޑުލީ ކަނޑު ހަރުފައަކީ މަދުމަދުން ނަމަވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެންނަ ބާވަތުގެ ހަރުފައެކެވެ. މި ބާވަތުގެ ހަރުފަ އެއްވެސް ރައްކާތެރިކަމެއްނެތި ހިފާ ގެންގުޅޭ ފޮޓޯއާއި ވީޑިއޯ މަދުމަދުން ނަމަވެސް ސޯޝަލް މީޑިޔާ ޕްލެޓްފޯމް ތަކުގައި ފެނެއެވެ.

އަދި މިދުވަސްވަރު ވައިބާގައިވެސް މީގެ ހަރުފައެއް ހިފާ، އެއްވެސް ރައްކާތެރިކަމަކާ ނުލާ ގެންގުޅޭ ވީޑިއޯ އެއްވަނީ އާންމުވެފައިއެވެ. ނޭގޭ ނުރައްކާތެރިކަމަކީ މިފަދަ ކަނޑު ހަރުފަތަކަކީ އެ ދަތްއަޅާ ވިހަލައިފިނަމަ ފުރާނައަށް ނުރައްކާވެދާނެ ފަދަ ވިހައެއް އެކުލެވޭ ހަރުފައެއް ކަމެވެ. މިގޮތުން ނާރުގެ ސިސްޓަމް ހަލާކުކޮށްލުން އަދި ކިޑްނީ ފެއިލްވުމާއި އައްސިވުން އަދި މަރުވުން ފަދަ ކަންކަން މެދުވެރިވަނީ ހަރުފަ ދަތްއަޅާއިރު ހަށިގަނޑުގެ ތެރެއަށް ދޫކޮށްލާ ވިހަތައްކަމުގައިވާ ނިއުރޯ ޓޮކްސިން އަދި އައިސޯ ޓޮކްސިންގެ ސަބަބުންނެވެ. ކުރިއަރާފައިވާ ގައުމުތައް ކަމުގައިވާ އޮސްޓްރޭލިޔާފަދަ ގައުމުތަކުގައ މިފަދަ ހަރުފަ ވިހަލުމުން ފަރުވާކުރުމަށް އެންޓި-ވެނަމް (ވިހަ ނިއުޓްރަލައިޒް ކޮށްލާ މާއްދާތަށް) ތައް ލިބެން ހުރިކަމުގައި ވިޔަސް ރާއްޖޭގައި މިފަދަ އެންޓި-ވެނަމް ލިބޭކަށް ނުހުރެއެވެ.  އެހެންކަމުން މިފަދަ ހަރުފަ ވިހަލައިފިނަމަ އެކަށީގެންވާ ފަރުވާ ނުލިބި ފުރާނައަށް ނުރައްކާވުމަކީ އެކަށީގެންވާ ކަމެކެވެ.

މިފަދަ ހަރުފައެއް ފެނިއްޖެނަމަ އޭގެ ގުދުރަތީ މާޙައުލަށް ދޫކޮށްލުމަކީ އެންމެ އެދެވޭގޮތެވެ. ކޮންމެހެން ހިފަން ޖެހިއްޖެ ހާލަތެއްގައި (ތާށިވެފައިވާ ތަނަކުން ނެގުން ނުވަތަ ބުޅިން ނެއްޓުން) ފަދަ ކަންކަން ކުރުމުގައި އެކަށީގެންވާ ރައްކާތެރި ފިޔަވަޅު އެޅުމަކީ މުހިންމުކަމެވެ. އެގޮތުން އަންގި ނުވަތަ ޓީޝާރޓްއަކުން އަތާއި ހަށިގަނޑު ހާމައަށް ހުންނަބައި ވީހާވެސް ބޮޑަށް ފޮރުވުމާއި އަދި ދިގު ދަނޑިއެއްގެ އެހީގައި ހަރުފަ އެހެންތަނަކަށް ގެންދިއުމަކީ ކުރެވިދާނެކަމެވެ.

އެއްގަމުގައި އުޅޭ ހަރުފަ ތަކުގައި ހުންނަ ކަހަލަ ވިހަ އެކުލެވުމުގެ އިތުރުން މިހަރުފައަކީ މީރުފެން އެކަނި ބޯ ހަރުފަތަކެވެ. އެގޮތުން ކަނޑުގެ މަތީ ފަށަލައިގައިވާ މީރުފެން ބޮއެގެން ދިރިއުޅެ އަދި ކުދި ހަރުފަތައް ވިހަނީވެސް ކަނޑުގެ ސަރަހައްދަށެވެ. އަދި ވާރޭ ނުވެހޭނަމަ ފެނާއި ނުލާ ހަތް މަސްދުވަސް ހޭދަކުރުމަކީ މިހަރުފައަށް ލިބިފައިވާ ގާބިލްކަމެކެވެ. އަދި އެސޮރުމެންގެ ދިރުއުޅުމުގެ ހުރިހާ މަރުހަލާއެއްވެސް ހޭދަކުރަނީ ކަނޑުގެ އެކި ވެށިތަކުގައިއެވެ.

މިބާވަތުގެ ހަރުފައިގެ ގުދުރަތީ ރޭންޖަކީ ޕެސިފިކް ކަނޑުގެ އައްސޭރިތަކާއި އަދި އިންޑިޔާ ކަނޑުގެ އައްސޭރިތަކެވެ. ނަމަވެސް ތޫފާންތަކާއި މޫސުމީ ބޮޑެތި ބަދަލުވުންތަކުގައި ދުނިޔޭގެ ހުރިހާ ހިސާބަކުންވެސް މިބާވަތުގެ ހަރުފަ ފެންނަކަމަށް ވަނީ ރެކޯރޑްކުރެވިފައިއެވެ. އަދި ދިގު މުއްދަތެއްގައި ދިރިއުޅުމަށް 16-18 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއް ބޭނުންވެއެވެ. އެހެންކަމުން ރާއްޖެފަދަ ހޫނު ގައުމެއްގައި ގިނަ އިރު ފެނުންނަގައިގެން ގެންގުޅޭނަމަ ގިނައިރުތަކެއްނުވެ މަރުވުމަކީ އާންމުކަމެކެެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. Leave it alone. It's dangerous for the snake to stay out of the water for too long. Sea snakes aren't aggressiv and they won't pose any threat to a person of you just don't engage them

Comments are closed.