މަސްވެރިކަމާއި ގުޅޭ

ކަނޑު ގިއުޅު - ފޮޓޯ: ވިކިޕީޑިއާ

ދޮން ގިއުޅު

މިއީ ވަރަށް ފުނުގައި (90 މީޓަރާއި 360 މީޓަރާ ދެމެދުގައި) އުޅޭ މަހެކެވެ.

އަތޮޅުން ބޭރުގައި ފުނަށް ނަނުފައްތައިގެން ބޭނޭ އަނގަޔަށް މީރު މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 45 ސެންޓިމީޓަރަށެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 11 މަޑުކަށްހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަރިހުރެއެވެ. މަހުގެ ކުލައަކީ ވައިލެޓް ކުލައެކެވެ. މަހުގެ ހުރަހަށާއި އެކިގޮތްގޮތަށް ދޮންރީނދޫ ކުލައިގެ ފުޅާ ރޮނގުތަކެއް ހުރެއެވެ. މަހުގެ ނިގޫފަތުގެ މަތީބައި ހުންނަނީ ރީނދޫކުލައިގައެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގެ ކުލައަކީ ރީނދޫކުލައެވެ. މަހުގެ މައިގަޑު ކާނާއަކީ ކުދިމަހެވެ.

އިންޑިއާކަނޑުގެ މިސަރަޙައްދުގައި މިމަސް އުޅޭކަމަށް ރެކޯޑްކުރެވުނު ފުރަތަމަފަހަރަކީ 1988 ވަނައަހަރެވެ. މެރިން ރިސާރޗް ސެކްޝަނުން ކުރަމުން ދިޔަ ފަރުމަހުގެ ތަޙްލީލީ މަސްވެރިކަމުގައި މިބާވަތުގެ 4 މަސް މާލެއަތޮޅު ބޭރުން 80 މީޓަރާއި 100 މީޓަރާ ދެމެދުގެ ފުންމިނުގައި ލޭނުއަޅައިގެން ބޭނުމުންނެވެ. ރާއްޖޭގެ މަސްވެރިންނަށް ގިނައިން ފެނިފައިނުވާ މަހެއްކަމުން މިމަހަށް ކިޔާ ދިވެހިނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހުގައި އެންމެ ފާޅުކަން ބޮޑުކުލައަށް ވިސްނާ މިމަހަށް "ދޮންގިއުޅު" ކިޔާ ނަންދީފައިވަނީއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Slender pinjalo

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!