މަސްވެރިކަމާއި ގުޅޭ

ޖަމާލް މަސް ދޯނީގައި

ކޮލަމާފުށީގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ރަށުގެ ވިޔަފާވެރިން މަސައްކަތްކުރަން ޖެހޭ: ކެޔޮޅު ޖަމާލު

ހުވަދު އަތޮޅު ކޮލަމާފުއްޓަކީ މީގެކުރިން ގިނަ އަދަދެއްގެ މަސް ދޯނި ފަހަރު އޮތް ރަށެކެވެ. އެހެން ނަމަވެސް މިހާރު މިވަނީ މަންޒަރު ބަދަލުވެފައެވެ.

ރާއްޖެެއަށް ޒަމާނީ ފައިބަރު މަސްދޯނިފަހަރު ތަޢާރަފްވެގެން އައިރު އެންމެ ބޮޑެތި މަސްދޯނި ދުއްވި އެއް ރަށަކީ ކޮލަމާފުއްޓެވެ. 2008 ހިސާބު ގާތްގަނޑަކަށް 8 މަސް ދޯނި އެރަށުގައި ދުއްވިއިރު، މިހާރު އެރަށުގައި ދުއްވަނީ އެންމެ ހަތަރު މަސް ދޯންޏެވެ. މީގެތެރެއިންވެސް ގިނަ މަސްދޯނިތަކަކީ މަރާމާތަށް ބޭނުންވެފައިވާ މަސް ދޯނިތަކެވެ. މީގެތެރޭގައި މީގެ ތެރޭގައި 20 އަހަރު ކުރީގެ ދޯނިފަހަރުވެސް އެބަހުއްޓެވެ.

ކޮލަމާފުށީގެ މަސްވެރިކަމުގެ ސިނާއަތަށް މިހާ ބޮޑު އަސަރެއްކޮށްފައިވާއިރު، އެރަށުގެ މަސްވެރިން އަދިވެސް ކުރަނީ ފޮނި އުއްމީދުތަކެކެވެ. ކުރިމަގުގައި އެރަށުގައި މަސްވެރިކަން ކުރިން އޮތް ހާލަތަށް އިއާދަވާނެ ކަމަށް އެފަރާތްތަކުން ދެކެއެވެ.

ކޮލަމާފުށީގެ މަސްވެރިކަމުގެ ސިނާއަތާއި ގުޅޭގޮތުން މައުލޫމާތު ހޯދާލުމަށް މަސްވެރިން އެމްވީގެ ފަރާތުން އެރަށުގައި ދުއްވާ ސީ ބާރޑު ދޯނީގެ ކެޔޮޅު ޖަމާލު އިބްރާހީމާއި ވާހަކަދައްކާލީމެވެ.

އެ ދޯނީގެ ކެޔޮޅު، ޖަމާލު މަހަށްދާން ފެށީ އުމުރުން 15 އަހަރުގައެވެ. މިހާރު އޭނާގެ އުމުރުން 53 އަހަރުވަނީ ވެފައެވެ. މަސްވެރިކަމުގެ ގިނަ ތަޖުރިބާތައް އޭނާވަނީ ކޮށްފައެވެ.

"އޭރު އެން ހިފަން ވެސް ބުރަ މަސައްކަތެއް ކުރަން ޖެހޭ، މިހާރު ޒަމާނީ ވަސީލަތްތަކުގެ ބޭނުންކޮށްގެން އެމަސައްކަތްވަނީ ފަސޭހަވެފައި، ދޯނިތައްވެސް މިވަނީ ތަރައްޤީވެފައި، އޭރު ވެހޭހާ ވާރެއެއްގައި މަސައްކަތްކުރީ، މިހާރު އެހެންނެއް ނޫން، ހިޔާކޮށްފައިހުންނަ ގިނަ ވަސީލަތްތައް ލިބޭ ދޯނިތަކުގައި މިހާރު މިއުޅެނީ،" ޖަމާލް ބުންޏެވެ.

ކޮލަމާފުއްޓަކީ މީގެ ކުރިން ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ރަށެކެވެ. އެންމެ ފުރަތަމަ އެންމެ ބޮޑެތި މަސް ދޯނިތައް ދުއްވި އެއް ރަށަކީވެސް ކޮލަމާފުއްޓެވެ. އެގޮތުން ޖަމާލު ކެޔޮޅުކަން ކުރާ ސީ ބާރޑު ދޯންޏަކީ ރާއްޖޭގެ އެންމެ ފުރަތަމަ ފައިބަރު މަސްދޯނި ތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ދޯންޏެވެ. މީގެ 20 އަހަރު ކުރިން މަހަށް ނިކުން، މި ދޯންޏަކީ 100 ފޫޓު ދިގު އަދި 26 ފޫޓު ފުޅާ ދޯންޏެކެވެ. މި ދޯނިން 25 މަސްވެރިން މަހަށްދާއިރު، މީގެތެރޭގައި ގިނަ އަދަދަކަށް ޒުވާނުން ހިމެނޭކަން ޖަމާލު ފާހަގަކުރެއެވެ.

ސީ ބާރޑު ދޯނި

ޖަމާލު ބުނީ އެރަށުގައި މިހާރު ދުއްވާ މަސްދޯނިތައް މަދުވެފައިވަނީ އެ ސިނާއަތް ކުރިއަރުވަން އެރަށުގެ ވިޔަފާރިވެރިން މަސައްކަތް ނުކުރާތީ ކަމަށެވެ.

"ރާއްޖޭގެ އެންމެ ވަރުގަދަ ކުންފުނިތަކަކީ ކޮލަމާފުއްޓަށް ނިސްބަތްވާ ކުންފުނިތަށް، އެހެން ނަމަވެސް އެފަރާތްތަކުން އިންވެސްޓެއް ނުކުރޭ މިރަށުގެ މަސްވެރިކަމަކަށް،" ޖަމާލު ބުންޏެވެ.

ޖަމާލު ބުނީ މިހާރު މަހުގެ އަގު ދަށަށް ގޮސްފައިވުމުންވެސް މި ސިނާއަތަށް ލިބޭނެ ކުރިއެރުން ދަށްވާނެ ކަމަށެވެ. އޭނާ ބުނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ސަރުކާރުން ކުރާ މަސައްކަތްތައް އިތުރުކުރަން ޖެހިފައިވާ ކަން ފާހަގަކޮށްފައިވެއެވެ.

"ސަރުކާރުންވެސް މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން، އެވަރުގެ މަސައްކަތެއް ނުކުރޭ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވާކަށް. އަހަރެއް މިހާތަނަށް ވޯޓެއް ދީފަ އޮތިއްޔާ އެ ވޯޓެއް ދީފަ އޮންނާނީ އެމްޑީޕީއަށް. އެކަމަކު ހަޤީޤަތަށް ވާހަކަ ދައްކާނަމަ ބުނާނީ މި ސަރުކާރުން މަސްވެރިކަން ތަރައްޤީކުރަން މަސައްކަތެއް ނުކުރެޔޭ. މަސްވެރިން ތިބީ ވަރަށް ހާލުގަ." ޖަމާލު ބުންޏެވެ.

ޖަމާލު ބުނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަށް އޮތްތާގައި އެރަށުގައި ކުރިއަރާނެ ކަމަށް ޤަބޫލުކުރާ ކަމަށެވެ. ސަބަބަކީ ކޮވިޑާއި ގުޅިގެންވެސް ނުހުއްޓި ކުރިއަށް ދިޔަ އެއް ސިނާއަތަކީ މަސްވެރިކަމުގެ ސިނާއަތަށް ވުމުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. ޖަމާލުގެ ޢަގައިން މިސަރުކާރަށް ބަދުބަހެއް ބޭއިޚްތިޔާރުގަވިޔަސް ބުނެލެވުނީމަ ޢުފާކުރަން.ޖަމާލު ޢެކަންޏެއްނުން މިސަރުކާރަށް ވޯޓްދިން ޢެންމެންވެސް ޥޯޓް ދިނީ ވަރަށްފޮނި އުއްމީދުތަކާއެކު.ނަމަވެސް ކަންވީ އެހެނެއްނުން.މީ މިގައުމު ދެކުނު ދިވެހި ރައްޔިތުންނަށް ޢެންމެ ޙަރާމްކޯރުވި ސަރުކާރު.މިހާރު ޖަމާލު މެންނަށް ދަތުރުފަތުރު ވެސް އޯކޭ.ކިތެންމެ ދިގު ދަތުރެއްކުރިޔަސް.ކުރިން ޢޯކޭ ޢެއް ނުން.

  2. ކުރިންވެސް އޯކޭ މިހާރުވެސް އޯކޭ ޖަމާލުވެސް އޯކޭ، އޯކޭ ނުވަނީ ކަލޭ

  3. ކަންކުރިއަށް ވާނެގޮތް އެއްވެސް މީހަކަށް ނޭނގުނަސް ކަންވެ ނިމިފަ ހުރިގޮތް އެންމެންނަށްވެސް އެނގޭ. މ.ޑ.ޕ އަށް ވޯޓްދީފާ ކުރިންވެސް ރުއިމީހުން މިފަހަރުވެސް ހަމަ އެމީހުންނަށް ވޯޓްދީފައި ރޮނީ. ދެފަހަރަކަށްނޫން ސަތޭކަ ފަހަރަށްވެސް ތިޔަމީހުންގަޔަށް ކަށިޖަހާނެ.
    ވެދުން

Comments are closed.