މަސްވެރިކަމާއި ގުޅޭ

ފާނަމިޔަރު

މިއީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން މެދުމިނުގެ މިޔަރެކެވެ.

މިމިޔަރު ޢާއްމުގޮތެއްގައި އުޅެނީ އެތެރެވަރީގެ ކަނޑުތަކާއި ފަރުފަޅުތަކުގައެވެ. މިއީ ދިވެހިން ގިނައިން ހިފާއުޅޭ މިޔަރެއްނޫނެވެ. ނަމަވެސް އިންޑިއާ ކަނޑުން ރާއްޖެ ހިމެނޭ ސަރަޙައްދުގައި މިބާވަތުގެ މިޔަރު އެކަށީގެންވާ ޢަދަދަކަށްއުޅެއެވެ. ކަނޑުގައި ދާއަޅައިގެންނާއި، ލޭނުއަޅައިގެން އަދި ބައެއް ފަހަރު ފައްތައިގެން ކުރާ ކެޔޮޅުކަމުގައި ފާނަމިޔަރު ބޭނެއެވެ. މިމިޔަރުގެ ޢާއްމު ކާނާއަކީ ކަކުނިފާޑުގެ ސޫތްޕާއި، ކަނޑު ހަރުފައާއި، ބޮއްޔާއި ކުދިމަހެވެ. ގާތްގަޑަކަށް 3.5 މީޓަރަށް މިމިޔަރު ބޮޑުވާކަމަށް ވެއެވެ.

މިޔަރުގެ އަނގަ ކުޑަވެފައި އަނގަ ހުންނާނީ ގިނަ މިޔަރާއި ޚިލާފަށް މަހުގެ ތަލަޔާ ވަރަށް ގާތުން މަހުގެ ބޮލުގެ ދަށްފަރާތުގައެވެ. މިބާވަތުގެ މިޔަރުގެ ނިގޫ އޭގެ ހަށިގަޑުގެ ދިގުމިނާ އެއްވަރަށް ދިގެވެ. މި މިޔަރުގައި ވަރަށް ބޮޑަށް ފާހަގަކުރެވޭފަދަ ގޮތަކަށް މުޅި ހަށިގަޑުގައި ލައްތަކެއް ޖަހާފައިހުރެއެވެ. މިބާވަތުގެ ޅަމިޔަރުގައި ހުރަހަށް ކަޅުމުށިކުލައާއި ރީނދޫ ކުލައިގެ ގަޅިތަކެއް ހުރެއެވެ. މިޔަރު ބޮޑުވުމުން ކަޅުކުލައިގަ ހުންނަ ރޮނގުތައް ކަޅު ލައްތަކަކަށް ބަދަލުވެއެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދުކުލައިގައެވެ. މިބާވަތުގެ މިޔަރަކީ އޭގެމަސް ކެއުމަށް ރަގަޅު، އަދި ވިޔަފާރިއަށް އުރަހަ ބޭނުންކުރެވިދާނެ މިޔަރެކެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Zebra shark, Variegated shark

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!