މަސްވެރިކަމާއި ގުޅޭ

ކަނޑުފާނަ - ފޮޓޯ: މިއުޒިއެމްސް ވިކްޓޯރިއާ

ކަނޑުފާނަ، ހުއިފަތުމަސް

ކަނޑުފާނައަކީ އެތެރެވަރީގެ ކަނޑުތަކުގައްޔާއި، އަތޮޅުންބޭރު މާކަނޑުތަކުގައި އުޅޭ ވަރަށް ބުރަހެލި މަހެކެވެ.

މިބާވަތުގެ ބޮޑެތިމަސް މާކަނޑުތަކުގައި އުޅޭކަމުގައިވިޔަސް ކުދިމަސް ރަށްރަށުގެ ފަޅުތެރޭގެ ތިލަހިސާބުން ބައެއް މޫސުމުގައި ފެނެއެވެ. މިގޮތުން ފަޅުތެރެއަށް ވަދެއުޅޭ ކުދިމަސް ދުވެއުޅެނީ އަރިއަށްތިބެގެން ވަރަށް މަޑުމަޑުންނެވެ. މިގޮތަށް ދުވާއިރު އެއީ މަހެއްކަން ދެނެގަތުމަކީ ވަރަށް ދަތިކަމެކެވެ. ބޮޑަށް ހީވާނީ މަރުވެފައިވާ ހުއިފަތްކޮޅެއް މޫދުގައި އޮޔާދަނީހެންނެވެ. މިމަހަށް ހުއިފަތުމަސް ކިޔާއުޅެނީ މަހުގެ މިސިފައަށް ވިސްނާފައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 އާއި 13 އާ ދެމެދުގެ ޢަދަދަކަށް ހަރުކަށިހުރެއެވެ. އަދި 13 އާއި 16 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބަޔާއި ބަނޑުދަށްފަރާތު ކޮތަރިބައިގެ މަޑުކަށިބަރީގެ ފަހަތުކޮޅު ހުންނަބައި ހުންނަނީ ވަށްކޮށެވެ. ނިގޫފަތްވެސް ހުންނަނީ ވަށްކޮށެވެ. މަހުގެ ކުލައަކީ ގަދަމުށިކުލައެވެ. މިމަސް ގިނައިން ކައިއުޅެނީ ކަނޑުފަޅުގެ އަޑީގައި އުޅޭ ކަކުނިފާޑުގެ ސޫތްޕާއި ކުދިމަހެވެ. މިމަސް އެންމެ ބޮޑުވަނީ 1 މީޓަރަށެވެ. ނަމަވެސް ގިނައިން ފެންނަ އެންމެބޮޑެތި މަހުގައި ހުންނަނީ 50 ސެންޓިމީޓަރެވެ. މިމަހަށް ކަނޑުފާނަ އަޅުގަޑުމެންގެ ތެރޭގައި ކިޔާއުޅުނުކަމުގައި ވިޔަސް މިއީ ހަޤީޤަތުގައި ފާނަ ޢާއިލާގެ މަހެއްނޫނެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Tripletail

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!