އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް އެސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ގުރުރުމާއެކު ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށާއި އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ލަފާ ކުރެވޭކަމަށެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގައެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.