ހޮރައިޒަން ފިޝަރީޒުން މަސް ގަންނަ އުސޫލު ބަދަލުކޮށް މަހުގެ އަގު ބޮޑުކޮށްފިއެވެ.
އެންމެ ބޮޑަށް ފާހަގަކުރެވުނު ބަދަލަކީ 3 ކެޓަގަރީއަކަށް ބަހާލައިގެން މަސް ގަންނަގޮތަށް ބަދަލުކުރުމެވެ.
އެކުންފުނިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އައިސް އަޅައިގެން ފިނިކޮށްފައިވާ 2.5 ކިލޯއިން މަތީގެ މަހާއި ކަންނެލި އެކުންފުނިން ގަންނާނީ 16 ރުފިޔާއަށް ކަމަށެވެ. އައިސް ނާޅާ ގެންނަ 2.5 ކިލޯއިން މަތީގެ މަހާ ކަންނެލި ގަންނަނީ 14 ރުފިޔާއަށެވެ. އަދި 1.5 ކިލޯއާއި 2.49 ކިލޯއާއި ދެމެދުގެ ފިނިކުރި މަހާއި ކަންނެލި 14 ރުފިޔާއަށް ގަންނައިރު އައިސް ނާޅާ ގެންނަ މަހާއި ކަންނެލި ގަންނަނީ 13 ރުފިޔާއަށެވެ. މީގެކުރިން އެކުންފުނިން 1.5 ކިލޯއިން މަތީގެ މަހާއި ކަންނެލި ގަންނަމުން ދިޔައީ 14 ރުފިޔާއަށެވެ. އަދި އައިސްނާޅާ 1.5 ކިލޯއިން މަތީގެ ކަޅުބިލަމަހާއި ކަންނެލި ކިލޯއެއް މީގެކުރިން ގަނެފައިވަނީ 13 ރުފިޔާއަށެވެ.
1.5 ކިލޯގެ މަހާއި ކަންނެލި ގަންނަ އަގަށް ބަދަލު ގެނެސްފައެއް ނުވެއެވެ. އައިސް އަޅައިގެން ފިނިކޮށްފައިވާ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ކިލޯއެއް ގަންނަނީ 5.50 އަށެވެ. އަދި އައިސް ނާޅާ ގެންނަ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ކިލޯއެއް ގަންނާނީ 5.15 އަށެވެ.
މިފްކޯއިން މަސްގަންނަ ގޮތަށް ބަލާއިރު އައިސް އަޅައިގެން ގެންނަ 1.5 ކިލޯއިން މަތީގެ މަހާ ކަންނެލި ކިލޯއެއް މިފްކޯގެ ސައިޓްތަކަށާއި ބޯޓްފަހަރަށް ގަންނަމުންދާނީ 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ މަސް ގަންނަނީ 14 ރުފިޔާއަށެވެ. މީގެއިތުރުން 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ 9 ރުފިޔާއަށެވެ. 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ފިނިނުކޮށް ގަންނަނީ 7 ރުފިޔާއަށެވެ.