މަސްވެރިކަމާއި ގުޅޭ

Ufa

ކޮވިޑް-19: ގެމަނަފުށީ "އުފާ" ދޯނިން ދެއްވަދޫ ރައްޔިތުންނަށް މަސް ހަދިޔާ ކުރަނީ

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގއ. ދެއްވަދޫ ފުރަބަންދެއްގައި އޮތުމުން އެރަށު ގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމަށްޓަކައި ގެމަނަފުށީ މަސް ދޯންޏެއްކަމަށްވާ އުފާ ދޯނިން އެރަށް މަސް ހަދިޔާ ކުރުމަށް ނިންމައިފިއެވެ.

މިވަގުތު އުފާ ދޯނިން މަހަށްދާ ޒުވާން މަސްވެރިޔާ ހަސަން ސާޖިން މީސްމީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ދެއްވަދޫ ކަރަންޓީނުގައި އޮތުމުން، އެރަށުގެ މަސްވެރިއާއިލާތަކާއި އެންމެހާ ރައްޔިތުންނަށް މަސް ފޯރުކޮށްދިނުމަށްޓަކައި މަސްހިފައިގެން އުފާދޯނި ދެއްވަދުއަށް ދަތުރު ފަށާފައިވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެހެނިހެން ދޯނިފަހަރާއި މަސްވެރިންވެސް ދެއްވަދޫއަށް އެހީތެރިވުމަށް އަތު ގުޅާލުމަށް ޒުވާން މަސްވެރިޔާވަނީ އެދިފައެވެ.

އުފާ ދޯނިން ރޭ ފަތިހު މަހަށްދިޔައީ ދެއްވަދޫގެ ރައްޔިތުންނަށް މަސްހޯދުމަށެވެ. މަސްވެރިން އެމްވީއަށް މައުލޫމާތުދެމުން ޒުވާން މަސްވެރިޔާ ބުނީ ފަތިހު ބޮޔަށް ގޮސް 800 ކިލޯގެ މަސްބޭނުނު ކަމަށާއި އެ މަސް ހަދިޔާ ކުރުމަށް ނިންމާފައި ވަނީ ދެއްވަދޫގެ ޓާސްކްފޯހާއި ގުޅިގެން ރަށުގެ ހުރިހާ ގޭބިސީތަކަށް ކަމަށެވެ.

ގއ.ދެއްވަދޫ ލޮކްޑައުން ކުރެވިފައިވާއިރު، އިއްޔެގެ ނިޔަލަށް އެރަށުން 25 މީހަކު ފައްސިވެ، އެކްޓިވް ވޭދަނަ ތަކުގެ ގޮތުގައި 23 މީހަކު އެބަތިއްބެވެ.

ދެއްވަދޫއަށް އަރާފޭބުން މަނާކުރުމާ ގުޅިގެން އެރަށަށް ފެނާއި މަހުގެ ދަތިކަން ކުރިމަތިވެފައިވާކަމަށް އެރަށު ކައުންސިލުން އިއްޔެ ވަނީ ބުނެފައެވެ. މިއާއެކު ހުވަދު އަތޮޅުގެ އެކި ރައްރަށުން އެރަރަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!