މަސްވެރިކަމާއި ގުޅޭ

Ensis Canned fish

ކޮވިޑް-19: އެންސިސް ކުންފުނިން ދެއްވަދުއަށް 25 ކޭސް މަސްދަޅު ހަދިޔާ ކޮށްފި

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގއ. ދެއްވަދޫ ފުރަބަންދެއްގައި އޮތުމުން އެރަށު ގެ ރައްޔިތުންނަށް މަސްލިބުމުގައި ދިމާވެފައިވާ ދަތިތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމަށްޓަކައި އެންސިސް ކުންފުނިން ދެއްވަދޫއަށް 25 ކޭސް މަސްދަޅު ހަދިޔާކޮށްފިއެވެ.

މަސްވެރިން އެމްވީއާ ވާހަކަ ދައްކަވަމުން އެންސިސް ކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސައިން އަފީފް ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ގއ. ދެއްވަދޫ ފުރަބަންދުކުރުމާއި ގުޅިގެން މަސްވެރިންނަށް މަހަށް ނުދެވި، އެ ރަށުގެ ރައްޔިތުންނަށް މަސް ލިބުމަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ހުވަދޫ އަތޮޅުގެ ރައްޔިތުން ދެއްވަދޫއަށް އެހީތެރިވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރަމުންދާ މި ދަނޑިވަޅުގައި އެންސިސްގެ ފަރާތުންވެސް ދެއްވަދޫގެ ރައްޔިތުންނަށް އެހީތެރިވެ ދިނުމުގެ ގޮތުން ދަޅުމަސް ހަދިޔާ ކުރުމަށް ނިންމީއެވެ.

އެންސިސް ކުންފުނިން ހަދިޔާކުރި މަސް ކޭސްތައް ދެއްވަދޫއަށް ގެންގޮސްދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވެދެނީ ދިވެހި މަސްވެރިން ޖަމިއްޔާއިންނެވެ. އެގޮތުން  ދަޅުމަސް ކޭސްތަކާއި ހަވާލުވެ، ދެއްވަދޫއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ. މަސްވެރިން އެމްވީއަށް މައުލޫމާތުދެމުން ދިވެހި މަސްވެރިން ޖަމިއްޔާއިން ބުނީ އެންސިސްއިން ދެއްވަދޫއަށް ހަދިޔާކުރި ދަޅުމަސް ކޭސްތައް މާލެއިން ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އަދި މިހަފްތާ ތެރޭގައި ދެއްވަދޫ ކައުންސިލާއި މަސް ކޭސްތައް ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދެއްވަދޫ ފުރަބަންދު ކުރުމާއި ގުޅިގެން ހުވަދޫ އަތުޅުގެ ގިނަ ރަށްތަކުންނާއި އަމިއްލަ ފަރާތްތަކާއި އަދި ކުންފުނިތަކުންވެސް ދަނީ ދެއްވަދޫގެ ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިއަދާއި ހަމައަށް ގއ. ދެއްވަދޫން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 55 އަށް އަރައިފިއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!