މަސްވެރިކަމާއި ގުޅޭ

ތުންދިގުބިބީ

މިއީ ތުންބިބީއާއި ވަރަށް އެއްގޮތް ތުނބުގެ ދިގުމިނުން މެނުވީ ތަފާތު ކުރަން ދަތި މަހެކެވެ.

މިބާވަތް ޢާއްމުކޮށް އުޅެނީ ފަރުފަރުގެ ބޭރުގައްޔާއި ފަޅުތެރޭގައި ހުންނަ މުރަކަތަކުގެ ކައިރީގައެވެ. "ތުންދިގުބިބީ"ގެ ނަން އަޅުގަޑުމެން މިމަހަށް ދީފައިވަނީ ދިވެހިންގެތެރޭގައި މިމަހަށް ވަކިނަމެއް ކިއިފައި ނެތުމާއެކު މަހުގެ އަސްލުނަންކަމަށްވާ ސައިންޓިފިކްނަމުގެ މައްޗަށް ވިސްނާފައި އެނަމާ ގުޅޭ ގޮތުގެ މަތިންނެވެ. ތުންދިގުބިބީ ގިނައިން އުޅެނީ ޖޯޑުޖޯޑަށެވެ.

މިއީ ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މަހެއްނޫނެވެ. ނަމަވެސް މިއީ ދިރޭމަސް ބޭރުކުރާ ފަރާތްތަކުން ވަރަށް ޝަޢުޤުވެރިކަމާއެކު ދިރުވައިގެން ގެންގުޅޭ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 22 ސެންޓިމީޓަރަށެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 24 އާއި 28 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 17 އާއި 20 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ތުންގަޑު މަހުގެ ރީނދޫބައިގެ ދިގުމިނާ ދާދި އެއްވަރެވެ.

މަހުގެ ކުލައަކީ ގަދަރީނދޫކުލައެވެ. މަހުގެ ބަނޑުދަށްފަރާތު ކޮތަރިބައިގައި ކަޅުކުލައިގެ ލަޕެއް ވައްކޮށް ހުރެއެވެ. ބޮލުގެ މަތީބައިގެ ކުލައަކީ ކަޅުކުލައެވެ. ތިރީބައިގެ ކުލައަކީ
ހުދުކުލައެކެވެ. މަހުގެ ކާނާއަކީ ކުދިސޫފިތަކާއި ފަންޏެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Long-nosed butterflyfish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!