ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގއ. ދެއްވަދޫ ފުރަބަންދެއްގައި އޮތުމުން އެރަށުގެ ރައްޔިތުންނަށް މަސް ލިބުން ދަތިވެފައިވާތީ ގއ. ވިލިނގިލީ "މަސްގުރާބު" ދޯނިން އެރަށަށް 1000 ކިލޯގެ ކަނޑުމަސް ހަދިޔާ ކޮށްފިއެވެ.
މަސްވެރިން އެމްވީއަށް މައުލޫމާތު ދެއްވަމުން "މަސްގުރާބު" ދޯނީގެ ކެޔޮޅު ޚާލިދު މުޙައްމަދު ވިދާޅުވީ ރޭ މަހަށް ފުރީވެސް ދެއްވަދޫ ރައްޔިތުންނަށް މަސް ހަދިޔާކުރުމުގެ ބޭނުމުގައި ކަމަށެވެ. ފަތިހު ރަގަޅު އެންކޮޅެއް އަޅައިގެން ދެއްވަދޫ ބޮޔަށްގޮސް 6 ޓަނު މަސްބޭނުނު ކަމަށާއި އޭގެތެރެއިން 5 ޓަނު މަސް ބޯޓަކަށް ކިރާލުމަށްފަހު މިއަދު ހަވީރު ދެއްވަދޫއަށް ގޮސް ހަދިޔާކުރި މަސްތައް ރަށު ކައުންސިލާއި ހަވާލުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދެއްވަދޫ ރައްޔިތުން ބޭނުން ކޮންމެ ވަގުތަކު "މަސްގުރާބު" ދޯނީގެ ފަޅުވެރިން ތިބީ ކަނޑުމަސް ފޯރުކޮށްދޭންކަމަށް އޭނާ ވިދާޅުވިއެވެ.
"އަސްލު ރޭ މަހަށްފުރީވެސް ދެއްވަދޫއަށް މަސް ހަދިޔާކުރުމުގެ ނިޔަތުގަ. އެން ދަމައިގެން ދިޔައީވެސް ދެއްވަދޫ ބޮޔަށް. ނަސީބު ވަރަށް ރަގަޅު. 6 ޓަނު މަސް ބެނުނު. ދެން ބޯޓަށް މަސްކިރާފައި 1 ޓަނު މަސް ދެއްވަދޫ ރައްޔިތުންނަށް ހަދިޔާކުރީ"
ވިލިނގިލީ "މަސްގުރާބު" ދޯނިން ދެއްވަދޫއަށް ކަނޑުމަސް ހަދިޔާކުރިއިރު ގއ. އަތޮޅު ކައުންސިލާއި، އެ ރަށުގެ ރައްޔިތުން ގުޅިގެންވަނީ ނިމިގެންދިޔަ ހަފްތާގައި ދެއްވަދޫއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.