ޅ. ފެލިވަރުގެ ބިންހިއްކުމާއި، ބަނދަރު ހެދުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާން ފާރޫޤް އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.
މަސްވެރިކަމުގައި މިއަދު ދިމާވެފައިވާ މަސްކިރުވުމާއި މަސް ރައްކާކުރުމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ފެލިވަރުގައި 179،780 އަކަ މީޓަރު ބަނދަރު ފުންކޮށް ބިން ހިއްކާނެ އެވެ. އަދި 218.9 މީޓަރ ގެ ބޮޑުހިލަ ބޭރުތޮށި ލުމަށް ވަނީ ހަަމަޖެހިފައެވެ. އަދި 574.6 މީޓަރުގެ ޝީޓްޕައިލް ޖެހުމަށް ހަމަޖެހިފައިވާއިރު 264.8 މީޓަރ ބޮޑުހިލައިގެ ރިވެޓްމަންޓެއްވެސް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
ފެލިވަރުގެ ބިން ހިއްކުމާއި، އެއްގަމުތޮށި ހެދުމުގެ މި މަޝްރޫއަކީ އިންޑިއަން އެގްޒިމްގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ އަގަކީ 113,398,222.04 ރުފިޔާއެވެ.
އެމްޓީސީސީއާ މިއަދު ހަވާލުކުރެވުނު މަސައްކަތްތައް 360 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. އަދި އެ މަސައްކަތްތައް ނިމުމާއި އެކު ފެލިވަރަށް ގެންނަންޖެހޭ އުމްރާނީ ތަރައްގީގެ މަސައްކަތްތއް ފެއްޓިގެންދާނާ ކަމަށް މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޒަހާ ވަނީ ފާހަގަ ކުރައްވާފއެވެ. އެގޮތުން ފެލިވަރުގައި މަސް ރައްކާކުރެވޭނެ ޖާގަ އިތުރުކުރުން ހިމެނެއެވެ.
2020 ވަނަ އަހަރު ފެލިވަރު ބަނދަރަށް 12000 ޓަނު މަސް ވަނީ ގަނެފައެވެ. ފެލިވަރުގައި މި ވަގުތުހުރީ 700 ޓަނުގެ ސްޓޯރޭޖެކެވެ. އެހެންކަމުން މަސްވެރިން ބާނައިގެން އަންނަ މަސް ފެލިވަރަށް ނެގެނީ މަސްވެރިން ކިއުގައިޖެހިގެން ތިބޭތާ އެތައް ދުވަހެއް ފަހުންނެވެ. ފެލިވަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ނިމިގެންދާއިރު، މަސްވެރިންގެ ޝަކުވާތަކަށް އެދެވޭ ހައްލެއް ލިބިގެންދާނެކަމަށް މަސްވެރިން އުއްމީދުކުރެއެވެ.


