ބޮޑު ދާ ޖަހައިގެން ކުރާ މަސްވެރިކަމުގައި ބޭނުން ކުރާ ދާ ގަނޑެއް ކަނޑު އަޑީގައި އޮންނަތާ ދިހަ އަހަރު ފަހުން މަސްވެރިންގެ ބަޔަކު އެ ދާގަނޑު ނަގައިފިއެވެ.
ޖޭމްސް ކަރލިސް ނަމަކަށް ކިޔާ މަސް ބޯޓެއްގެ މަސްވެރިނަށް މި ދާގަނޑު ފެނުމުން، ގިނަ މަސައްކަތްތަކަކާއި އެކު ވަނީ ދާ ގަނޑު މޫދުން ނަގާފައެވެ. މަސްވެރިންގެ މި މަސައްކަތްތަށް އޮސްޓްރޭލިއާގެ ފިޝަރީޒް މެނޭޖްމަންޓް އޮތޯރިޓީއިން ވަނީ މަރުހަބާ ކިޔާފައެވެ.
މޫދު އަޑިން ނަގާފައިވާ މި ބޮޓަމް ޓްރޯލް ނެޓުގެ ބަރުދަނުގައި 700 ޓަނު އަދި ދިގުމިނުގައި 60 މީޓަރު ހުންނާނެ ކަމަށް ލަފާކުރެވެއެވެ.
މި ދާ ގަނޑު ބަލާ ބެލުމަށް ހީވަނީ މޫދަށް ގެއްލިފައިވާ ނުވަތަ ބަޔަކު މޫދަށް ދޫކޮށްލާފައިވާ ދާގަނޑެއްހެން ކަމަށް މޫދުން މި ދާގަނޑު ނެގި މަސްވެރިން ބުނެއެވެ.
މިފަދަ ދާ ގަނޑުތަކުގެ ސަބަބުން ކަނޑުގެ ދިރުމަށް ގިނަ އަސަރުތަކެއް ކުރެއެވެ. އެގޮތުން ދާގަނޑު ކަނޑަށް ދޫވެފައި އޮތުމުން ތަފާތު އެކި މަސްމަހާމެހި ދާ ގަނޑުގައި ޖެހި ސަލާމަތް ނުވެވި މަރުވެއެވެ.