މެޑިޓްރޭނިއަން ކަނޑުން މިހާތަނަށް ފެނުނު އެންމެ ބޮޑެތި ވޭލް ނުވަތަ ބޮޑު މަސްތަކުގައި ތެރޭގައި ހިމެނޭ ބޮޑުމަހެއް މަރުވެގެން ލައްގައިފިއެވެ.

އިޓަލީގެ ފަތުރުވެރިކަމުގެ މަންޒިލެއްކަމުގައިވާ ސޮރެންޓޯއަށް ބޮޑުމަސް ލެއްގުމާއި އެކު، ގިނަ ބައެއްގެ ސަމާލުކަންވަނީ މިމަހަށް ލިބިފައެވެ. އެޤައުމުގެ ކޯސްޓު ގާޑަށް މިމަހާއި ގުޅޭ ރިޕޯޓު ލިބުމުން ވަނީ ސްރެންޓޯއިން ނެޕަލްސްގެ ޕޯޓަށް ކަފުޖަހައިގެން ގެނެސްފައެވެ.

އަދި ނެޕަލްސް ޕޯޓަށް މިމަސް ގެނެސްފައިވަނީ އެއްގަމަށް މަސް ނަގާ، އޭގެން މެރިން ބަޔޮލިޖިސްޓުން ތަހްލީލުތައް ކުރުމަށެވެ. މި ތަހްލީލުތަކުން އެމަސް މަރުވާން ދިމާވި ސަބަބުވެސް ދެނެގަނެވޭނެ ކަމަށް ކޯސްޓު ގާނޑުން ހާމަކުރެއެވެ.

މި ބޮޑުމަސް ނޭޕްލަސްގެ ޕޯޓަށް ގެނައި ވަގުތު ނަގާފައިވާ ފޮޓޯތަކުން މަހުގެ ސައިޒު އަންދާޒާ ކޮށްލެވެއެވެ. ޕޯތުގައި އަޅާފައިވާ ބޯޓުތައް މިމަހާއި އަޅާ ބަލާއިރު ވަރަށް ކުދިއެވެ.