މަސްވެރިކަމާއި ގުޅުންހުރި ބައެއް މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ ކުރިން ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ނެގުމަށް ފިޝަރީޒް މިނިސްޓްރީން އަނގައިފިއެވެ.
އެގޮތުން މިނިސްޓްރީންވަނީ ހުއްދަ ނަގަންޖެހޭ 9 މަޝްރޫޢެއްގެ ނަން ހާމަކޮށްފައެވެ. މަސްވެރިކަމުގެ މަޝްރޫޢުތައް ހިންގުމުގެ ކުރީން ހުއްދަ ނަގަން ޖެހޭގޮތަށް ޤަވާއިދު އެކުލަވާފައި ވަނީ އަލަށް އެކުލަވާލެވުނު މަސްވެރިކަމުގެ އާ ޤާނޫނުގެ ދަށުންނެވެ.
ފިޝަރީޒް މިނިސްޓްރީން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން މަސްވެރިކަމާއި ގުޅޭ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މިނިސްޓްރީގެ ހުއްދަ ނަގަންޖެހޭކަމަށް އޮތުމާއެކު، މަސްވެރިކަމުގެ މަޝްރޫއުތައް ޤާއިމުކުރުމަށް ހުއްދަ ދިނުމުގެ ޤަވާއިދު އެކުލަވާފައިވާ ކަމަށެވެ. އަދި މިޤަވާއިދު ދަށުން 9 ބާވަތެއްގެ މަޝްރޫއު ފިޝަރީޒް މިނިސްޓްރީގެ ހުއްދައާއި ނުލާ ކުރިއަށް ނުގެންދެވޭނެކަމަށް އިޢުލާންގައިވެއެވެ.
ހުއްދަ ނަގައިގެން ހިންގަން ޖެހޭ މަޝްރޫއުތަކުގެ ތެރޭގައި؛
1. މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމަށް ހިންގާ މަޝްރޫއުތައް
2. ގޭދޮށު މަސްފެކްޓަރީ ޤާއިމު ކުރުމުގެ މަޝްރޫއުތައް
3. މަސްވެރިން އަތުން މަސް ފިނިކޮށް، ގަނޑުކޮށް ރައްކާތެރި ކުރުމަށް ހިންގާ މަޝްރޫއުތައް
4. މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް އައިސްޕްލާންޓު ޤާއިމު ކޯށްދިނުން
5. ފާނަ ކޮށިއެޅުން، ނުވަތަ ކޮށިއަޅައިގެން މަސްގެންގުޅުމަށް ހިންގާ މަޝްރޫއުތައް
6. އެކުއަކަލްޗަރ ކުރުމާއި އެކުއަކަލްޗަރ އާއި ގުޅުން ހުރި މަޝްރޫއުތަށް
7. ކާބަން މޮނޮކްސައިޑް ޓްރީޓްކޮށްގެން މަހުގެ އުފެއްދުންތައް އުފެއްދުމަށް ހިންގާ މަޝްރޫއުތައް
8. އެކްސްޕޯޓު ކުރުމަށް، ނުވަތަ ވިޔަފާރީގެ ބޭނުމަށް މޫދުގައި އުޅޭ އެކުއޭރިއަމް ފިޝް ނުވަތަ، ދިރޭ ކުދި މަސް ބަނދުކުރުމަށް ޤާއިމު ކުރެވޭ ފެސިލިޓީ ޤާއިމު ކުރުމަށް ހިންގާ މަޝްރޫއުތައް
9. ކަނޑުގެ ދިރުންތަށް ނުވަތަ މަސްވެރިކަމާއި ގުޅޭ ދިރުންތައް އާލާކުރުމަށް ހިންގާ މަޝްރޫއުތައް
މި ބާވަތްތަކުގެ މަޝްރޫއުތައް ހުއްދަ ނަގައިގެން ހިންގުމަށް ކަނޑައެޅީ، މަސްވެރިކަމަށް އިންވެސްޓުކުރާއިރު އެ ހިންގާ މަޝްރޫއަކީ މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކޮށް، ރާވާ ހިންގުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކާއި އެއްގޮތަށް ހިންގޭ މަޝްރޫއުތަކެއްކަން އިންވެސްޓުކުރާ ފަރާތައް ޔަޤީންކަންކޮށްދިނުމުގެ ގޮތުންކަމަށް މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން އެއް ބާވަތެއްގެ މަޝްރޫއު، އެއް ސަރަހައްދަކަށް އާމާޒުވާގޮތްވެ މަޝްރޫއުގެ ނަފާ އަންދާޒާ ކުރިގޮތަށް ނުލިބި ދިއުން މަދު ކުރުންވެސް މިޤަވާއިދުގެ މަޤްޞަދުގައި ހިމެނޭކަމަށް މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން މިބާވަތްތަކުގެ މަޝްރޫއު ހިންގާ ފަރާތްތަކުން އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހުއްދަ ނެގުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މި ހުއްދައަށް އެދޭ ފޯމާއި ޕްރޮޕޯސަލް ތައްޔާރުކުރަން ޖެހޭ މަޝްރޫއުތަކަށް ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މައުލޫމާތު ބަޔާންކުރާ ގައިޑްލައިން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެކަމަށް މިނިސްޓްރީން ބުނެއެވެ.