ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރާ ޕްލޭން ގެޒެޓްކޮށްފިއެވެ.
ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނެއް އެކުލަވާލާފައިވަނީ މަސްވެރިކަމުގެ ދިރުންތަކާއި، ކަނޑުމަހުގެ މަސްވެރިކަމުގެ ސަބަބުން އަސަރުކުރާ އެހެނިހެން ދިރުންތަކާއި، އެ ތަކެތީގެ މާހައުލު ރައްކައުތެރިކޮށް، މުުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުމަހުގެ ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހި ކުރުމަށެވެ. މީގެ އިތުރުންވެސް ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމަށް ގިނަ ކަންތައްތަކެއް ހާސިލުކުރުމަށް މި ޕްލޭންގައި ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި މަސްވެރިކަން ލައިސަންސް ކުރުމާއި، މައުލޫމާތު އެއްކޮށް ބެލެހެއްޓުމާއި، މަސްވެރިންނަށް ރައްކައުތެރި މަސައްކަތުގެ މާހައުލެއް ކަށަވަރުކުރުން ފަދަ ކަންކަން ހިމެނެއެވެ.
މި ޕްލޭންގެ ދަށުން މަސްވެރި އުޅަދުތަކުގައި ގިނަވެގެން ހުއްދަ ދެވޭނީ 2 ބިދޭސީންނަށެވެ. އެއީ އުޅަނދު ސާފްކޮށް ބަލަހައްޓަން، ސެކިއުރިޓީ ބަލަހައްޓަން ނުވަތަ، އުޅަނދުގެ ފަޅުވެރިންނަށް ކެއްކުމަށެވެ. މިގޮތަށް ހުއްދަ ދެވޭ 2 ބިދޭސީ ފަޅުވެރިން، ވަޒީފާއާ ބެހޭ ގާނޫނާއި އެއްގޮތްވާގޮތުގެ މަތިން ވަޒީފާގެ އެއްބަސްވުމެއް ހަދަންޖެހެއެވެ. އަދި މުސާރަ ދިނުމުގައި ދިވެހި ފަޅުވެރިންނާއި ބިދޭސީން ތަފާތު ކޮށްގެންނުވާނެއެވެ.
މި ޕްލޭންގެ ދަށުން މެނޭޖްކުރާނީ ކަޅުބިލަމަހާއި، ރީނދޫއުރަހަ ކަންނެއްޔާއި، ލޯބޮޑު ކަންނެއްޔާއި، ރާގޮނޑި އަދި ލައްޓިއެވެ. އަދި މިޕްލޭންގެ ދާއިރާގެ ތެރޭފައި ހިމެނެނީ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމާއި، ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަމާއި، ލޭނު އަޅައިގެން ކުރާ ބޮޑުކަންނެލީގެ މަސްވެރިކަމާއި، ވަދުއެޅުމާއި، އަދި އަލަށް ތައާރަފް ކުރެވޭ އާލާތެއް ބޭނުންކޮށްގެން ކުރާ ކަނޑުމަހުގެ މަސްވެރިކަމެވެ.
One Response
Economic ministry konirakuntho dhoani faharah quota dhukuraani.mihaaves mi Bidheyseen gengulhen jehi gavaairaahilfah.iulaakuriyas quota ah edheyirah incomplete kurani.dhen kiyehkuraa plane.ta