ދިވެހި މަސްވެރިކަން އިސްތިހާރުކުރުމަށް އެއްވެސް ވަރަކަށް މަސައްކަތް ކުރެވިފައި ނެތް ކަމަށް އެންސިސް ކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސައިން އަފީފް ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ސައްލާގައި ވާހަކަ ދައްކަވަމުން، ހުސައިން ވިދާޅުވީ ދިވެހި މަހާއި މަހުގެ އުފެއްދުންތައް އިސްތިހާރު ކުރުމުގައި މިހާރު އެންމެ މުހިއްމީ ދިވެހިންގެ މުޅި މަސްވެރިކަން ބޭރުގެ ބާޒާރުތަކަށް އިސްތިހާރުކުރުން ކަމަށެވެ. އެހެންނަމަވެސް، މިއަދާ ހަމައަށްވެސް ދިވެހި މަސްވެރިކަން އިސްތިހާރުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް ހުސައިން ވިދާޅުވިއެވެ.
ހުސައިން އިތުރަށް ވިދާޅުވީ ބައިނަލް އަގްވާމީ މައިދާނުގައި ދިވެހި މަހުގެ އުފެއްދުންތަކުގެ އަގު ބޮޑުކަމަށެވެ. އެހެން އެކަން ދިމާވާން މެދުވެރިވަނީ ކޮމަންވެލްތުގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު، ދިވެހިރާއްޖެއިން ދައްކަންޖެހޭ ޓެކްސް ބޮޑުކަމުންކަމަށް އޭނާ ފާހަގަކުރެއެވެ. އަދި މިހާލަތުގައި ދިވެހިންގެ މަސްވެރިކަން "ބްރޭންޑް" ކޮށް މިހާރަށްވުރެ ބޮޑަށް ބައިނަލްއަގުވާމީ މައިދާނުގައި އިސްތިހާރުކުރުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭންޖެހިފައި އޮތްކަމެއް ކަމަށްވަނީ ފާހަގަކޮށްފައެވެ. ދިވެހިރާއްޖެއާ ވާދަކުރާ އެހެނިހެން ގައުމުތަކަށް ޔޫރަޕިއަން ޔޫނިއަންއިން ދެވިފައިވާ އިނާޔަތްތަކާއި ލުއިތަކުގެ ސަބަބުން އެގައުމުތަކުގެ އުފެއްދުންތަކާއި ދިވެހި އުފެއްދުންތައް ވާދަނުކުރެވޭ ކަމަށްވެސް ހުސައިން ވިދާޅުވިއެވެ.
ދިވެހިންގެ މަސްވެރިކަން އިސްތިހާރުކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހިފައިވާކަމަށް މަސްވެރިންގެ ސައްލާގައި ބައިވެރިވި އެހެން މަސްކުންފުނިތަކުންވެސް ވަނީބުނެފައެވެ.