މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ގާނާގައި ޤަވާއިދާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް މަސައްކަތް ފަށައިފިއެވެ.
އެފްރިކާގެ ޤައުމެއް ކަމަށްވާ ގާނާގެ އާބާދީގެ 2.7 މިލިއަން މީހުންނަކީ މަސްވެރިކަމުން ލިބޭ އާމްދަނީން ދިރިއުޅޭ މީހުންނެވެ. އެހެން ނަމަވެސް އެހެން ޤައުމުތަކުގެ މަސްބޯޓުތަކުން ގާނާގެ ކަނޑުގެ ސަރަޙައްދުން ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ މައްސަލަވަނީ ބޮޑުވެފައެވެ. ބައެއް ބާވަތްތަކުގެ މަސްތަކުގެ އާބާދީއަށް ވަނީ މިކަމުގެ އަސަރުކޮށް، ހުސްވެދާނެ ކަމުގެ ބިރު ހީވެފައެވެ.
މި މައްސަލައަށް ހޯދައިދިނުމަށް ދެކުނު އެފްރިކާގެ ޤައުމުތަކުގެ ކަނޑުތަކުން ޤަވާއިދާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް މަސައްކަތްކުރާ އެންޖީއޯއެއް ކަމަށްވާ 'އެންވަޔަރަމެންޓް ޖަސްޓިސް ފައުންޑޭޝަން' އިން ވަނީ ގާނާގެ މަސްވެރިންނަށް އަމާޒްކޮށްގެން ޙާއްސަ އެޕްލިކޭޝަންނެއް ތައާރަފްކޮށްފައެވެ.
'ޑޭސް' ގެ ނަން ދީފައިވާ މި އެޕްލިކޭޝަންގެ ނަމުގެ މާނައަކީ ހެއްކެވެ. މި އެޕްލިކޭޝަން ބޭނުންކުރާނީ މަސްވރިންނާއި ކަނޑުމައްޗަށް އާއްމުކޮށް ނިކުންނަ ފަރާތްތަކުންނެވެ. މި ފަރާތްތަކަށް ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ބައެއް ފެނިއްޖެނަމަ އެފަރާތެއްގެ ބޯޓުގެ ފޮޓޯއެއް، ބޯޓުގެ ނަމާއި އައިޑެންޓިފިކޭޝަން ނަމްބަރު ފެންނާނެހެން ނެގުމަށްފަހު، މި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަ ކަމާއި އެކު ރިޕޯޓްކޮށްލެވެއެވެ.
މިދިޔަ ނޮވެމްބަރުމަހު މި އެޕްލިކޭޝަން ބޭނުންކުރަން ފަށާފައިވާއިރު، މިހާތަނަށް 100އަށް ވުރެ ގިނަ މަސްވެރިންވަނީ މި އެޕް ޑައިންލޯޑްކޮށްފައި ކަމަށް އެންޖީއޯއިން މައުލޫމާތުދެއެވެ.