MIFCO CEO

ފެލިވަރު މަޝްރޫއު ނިމޭއިރު ދުވާލަކު 300 ޓަނަށްވުރެ ގިނައިން މަސް ގަނެވޭނެ: ފައުޒީ

ފެލިވަރު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށާއި، އެ މަޝްރޫއު ނިމޭއިރު ދުވާލަކަށް 300 ޓަނަށްވުރެ ގިނައިން ފެލިވަރަށް ގަނެވޭނެކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޚަބަރުފީތާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ އުތުރުގެ މަސްވެރިކަން ރަގަޅު ދުވަސްވަރު، މަސް ގަތުމުގައި ދަތިތަކާއި ދިމާވަނީ ފެލިވަރުގައި މަސް ރައްކާކުރުމަށް އެކަށީގެންވާ ޖާގަ ނެތުމާއި ފްރީޒިން ކެޕޭސިޓީ ނެތުމުން ކަމަށެވެ. އެހެންކަމުން މިހާރު ފަށާފައިވާ މަސައްކަތުގެ ތެރެއިން ފެލިވަރު ތަރައްގީވެގެން ދާއިރު އިތުރު 4000 ޓަނުގެ މަސްރައްކާކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ފައުޒީ ވިދާޅުވިއެވެ. އޭގެ ސަބަބުން މިފްކޯގެ ބޯޓުތައް ބޭނުންކޮށްގެން ކޫއްޑޫއަށް މަސް ރައްކާކުރުމަށް ގެންދިއުން ހުއްޓުވިގެން ދާނެކަމަށާއި އަދި ޚަރަދު ކުޑަކުރެވޭނެ ކަމަށްވެސް އޭނާ ފާހަނގަ ކުރިއެވެ.

މީގެ އިތުރުންވެސް ފެލިވަރުގެ ދަޅު ބަނދުކުރާ ކާރުޚާނާ އިތުރަށް ތަރައްގީ ކުރުމަށްވެސް ޕްލޭން ކުރެވިފައިވާ ކަމަށް ފައުޒީ ވިދޅުވިއެވެ.

2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ހުޅަނގު މޫސުމުގައި އުތުރުގެ މަސްވެރިކަން އާދަޔާ ޚިލާފަށް ރަގަޅުވެ، މަސްވެރިންނަށް މަސްކިރުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވިއެވެ. ގިނަ ދުވަހު ކިއުގައި މަޑުކުރަންޖެހުމާއި، އެކަށީގެންވާ ވަރަށް އައިސް ނުުލިބޭކަމުގެ ޝަކުވާ ކޮންމެ ދުވަހަކު މަސްވެރިން ދިޔައީ ކުރަމުންނެވެ.

ފެލިވަރު ތަރައްގީކޮށް ނިމޭއިރު، އުތުރުގެ މަސްވެރިންގެ ގިނަ ޝަކުވާތަކަށް ހައްލު ލިބިގެންދާނެކަމަށް މިފްކޯއާއި ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މިސަރުކާރުން މަސްވެރިން ނަށް ރަނގަޅުގޮތް ހެދުމަށް ތިޔަކުރަށްވާ މިންނެތްމަސަތްކަތަށް އައްސަރިބަހާސާބަސް..