މަސްވެރިކަމާއި ގުޅޭ

ރަތް މުގުރާން - ފޮޓޯ: ވިކީޕީޑިއާ

ރަތް މުގުރާން

ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ގިނައިން އުޅޭ މުގުރާމުގެ ބާވަތެކެވެ.

މިބާވަތުގެ މުގުރާމަކީ ދިވެހި ދޮށީގެ މަސްވެރިކަމުގައި ގިނައިން ބޭނުންކުރާ، މަސްވެރިކަމަށް ރަގަޅު ބާވަތެކެވެ. މިއީ އެމުގެ ގޮތުގައި ވަތަށް ގަދަ މަހެކެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުން މުގުރާން އަރާ ދުވަސްވަރު މިބާވަތުގެ މުގުރާން އަރާކަމަށްވެއެވެ. އަދި ގިނަ މަސްވެރިން މިބާވަތުގެ މުގުރާން އެމުގެ ގޮތުގައި ދަމާހަދައެވެ. މާލެއާކައިރި ހިސާބުތަކުގައި މުގުރާން އެންމެގިނައިން އެމުގެ ގޮތުގައި ބޭނުންކުރަނީ އިރުވައި މޫސުމުގައެވެ. މިއީ ބޮޑެތި އައިން ހަދައިގެން އުޅޭމަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 21 ސެންޓިމީޓަރަށެވެ. މަހުގެ ކާނާއަކީ ކަނޑުގައި އުޅޭ ކުދި ފަނިފަކުސައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 15 މަޑުކަރިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 14 މަޑުކަށްހުރެއެވެ. ކަންފަތްގަޑުގައި 18 އާއި 30 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބަޔާ ބަނޑުދަށްފަރާތު ކޮތަރިބައިގެ ބުޑުދަށުގައި ހުޅުނބު ހުންނާނެއެވެ. މިބާވަތުގެ މުގުރާމުގައި އެހެނިހެން މުގުރާމުގެ ގިނަ ބާވަތްތަކުގައި (ކުލަކުލައިން) ހުންނަ އަރިމަތީ ރޮނގެއް ނުހުރެއެވެ. މަހުގެ ކުލައަކީ ގަދު ރަތްކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ފަނޑު ރަތްކުލައެއްގައެވެ. މަހުގެ ތުންކޮޅު ހުންނަނީ ރީނދޫކުލައިގައެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ގަދަރަތް ނުވަތަ ކަޅުކުލައިގައެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Banana fusilier

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!