ކޮވިޑް-19 އާ ގުޅިގެން އަރާފޭބުން މަނާ ކޮށްފައިވާ މ. ކޮޅުފުށީގެ ރައްޔިތުންނަށް އެ ރަށު އަސުރުމާ ދޯނިން 1 ޓަނު މަސް ހަދިޔާކޮށްފިއެވެ.
އަސުރުމާ ދޯނީގެ ވެރިޔާ އާދަމް ސައީދު މަސްވެރިން އެމްވީއަށް މައުލޫމާތުދެމުން ބުނީ ކޮޅުފުއްޓަށް އަރާފޭބުން މަނާކުރުމުން، ރަށަށް މަސް ހަދިޔާކުރުމަށް ނިންމީ ދޯނީގެ ހުރިހާ ފަޅުވެރިންނެވެ. އެހެންކަމުން އިއްޔެ ބޭނި މަސްކޮޅުން 1 ޓަނުމަސް ރަށަށްގެނެސް، ކައުންސިލާއި، ޓާސްކްފޯސްގެ ޓީމާއި ގުޅިގެން ހުރިހާ ރައްޔިތުންނަށް ބަހާލީކަމަށް ސައީދު ބުންޏެވެ.
ކޮޅުފުށި މޮނިޓަރިން ހާލަތަށް ގެނައިރިިރު އަސުރުމާ ދޯނިވީ މަހަށް ފުރާފައެވެ. ކަނޑުމަހުގެ މަސްވެރިކަން ކުރާ އަސުރުމާ ދޯންޏަކީ ކޮޅުފުށީގައި މަހަށްދާ އެންމެ ބޮޑު ދޯންޏެވެ.
"އަހަރުމެން މަހަށްގޮސް އުޅެނިކޮށް ރަށް ބަންދު ކުރީ. މިހާރު ކަނޑުމަތީގައި މި ތިބެނީ. މިއަދު މީ 11 ވަނަ ދުވަސް. ބޭނުންވާ ސާމާނު ކައުންސިލް މެދުވެރިކޮށް ބަނދަރަށް ގެނެސް ދޯންޏަށް އަރުވައިގެން އަނެއްކާވެސް ދަނީ މަހަށް. ރަށަށް މަސް ލިބުން ދަތިވީމަ، ހުރިހާ ފަޅުވެރިން ނިންމީ މަސް ހަދިޔާކުރަން. އެހެންވެ، އިއްޔެ ބޭނި މަސްކޮޅުން 1 ޓަނު މަސް ރަށަށް ގެންދިޔައީ" އާދަމް ސައީދު ބުންޏެވެ.
އަސުރުމާ ދޯނިން ކޮޅުފުށީ ރައްޔިތުންނަށް ހަދިޔާކުރި މަސް ގޭގެއަށް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވީ ކައުންސިލާއި ރަށުގެ ޒުވާނުންނެވެ. އަސުރުމާ ދޯނިން ގެނައި މަސް ހުރިހާ ރައްޔިތުންނަށް ބެހުމަށް ޓާސްކްފޯސް ޓީމުން ވަރަށް ފުރިހަމައަށް މަސައްކަތްކުރިކަމަށާއި އެހެންކަމުން ދޯނީގެ ހުރިހާ ފަޅުވެރިންގެ ފަރާތުން އެ ޓީމަށް ޝުކުރުއަދާ ކުރާކަމަށް ސައީދު ބުންޏެވެ.
އިއްޔެގެ ނިޔަލަށް މ. ކޮޅުފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދުވަނީ 25 އަށް އަރާފައެވެ.



