ކަނޑުމަހުގެ ބާވަތްތަކަކީ ސްކޮމްބްރިޑޭ ކިޔާ އާއިލާއަކަށް ނިސްބަތްވާ ބާވަތްތަކެކެވެ.
ސްކޮމްބްރިގޭ އާއިލާގައި ކަނޑުމަހުގެ ބާވަތްތަކުގެ އިތުރުން މުށިމަހާއި، ކުރުމަސް އަދި ވޮށިމަސް ފަދަ ބާވަތްތައްވެސް ހިމެނެއެވެ. މި ބާވަތްތަކުގެ މަސްތައް ދުނިޔޭގެ ނިސްބަތުން ބެހިގެންވަނީ ދުނިޔޭގެ ދެބައިހަމަ (އީކުއޭޓަރ) ސަރަޙައްދުގެ ހޫނު ކަނޑުތަކާއި، މެދު މިންވަރަކަށް ފިނި ސަރަޙައްދުތަކުގައެވެ. ނަމަވެސް، ނޫއުރަހަ ކަންނެލި ފަދަ ބައެއް ބާވަތްތަކަކީ ދުނިޔޭގެ ފިނި (ޓެމްޕަރޭޓް) ކަނޑުތަކުގައި އުޅޭ ވައްތަރުތަކެކެވެ. ކަނޑުމަހުގެ އާއިލާގެ ބައެއް ބާވަތްތަކަކީ އައްސޭރިފަށާ ކައިރީގައި އުޅޭ ބާވަތްތަކެވެ. އަދި އަނެއްބައި ބާވަތްތަކަކީ މާކަނޑުގައި އުޅޭ ބާވަތްތަކެވެ.
ކަނޑުމަހަކީ ދުރު ސަރަޙައްދުތަކަށް ދަތުރުކުރާ، އަދި އޭގެ ހަށިގަނޑުގެ ބައްޓަމުގެ ސަބަބުން ވަރަށް ބާރަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ ބާވަތްތަކެކެވެ. މި ބާބުގައި ގެނެސްދީފައިވަނީ ކަނޑުމަހުގެ ބާވަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމުގައި އާންމުކޮށް ބާނާ އުޅޭ މަސްތަކެވެ.
މަސްދަރު: ޓޫނާ މެނޭޖްމަންޓް ޕްލޭން

