މަސްވެރިކަމާއި ގުޅޭ

ތުތި ބޯވަދިލަމަހުގެ ތަބީއަތް އަދި ދިރިއުޅޭ މާހައުލު

ތުތި ބޯވަދިލަމަހަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި، ފެނުގެ ފިނިހޫނުމިން 20 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައި ހުންނަ މާކަނޑުތަކުގައި އުޅޭ ބާވަތެކެވެ.

އެ ސޮރުމެން އާންމުކޮށް ދުވާލުގަޑީގައި އުޅެނީ 600 މީޓަރާއި 800 މީޓަރާ ދެމެދުގެ ފުންމިނުގައެވެ. އަދި ކެއުމަށާއި، ދަރިމައިވުމަށް ރޭގަނޑުގެ ވަގުތުތަކުގައި ތަންކޮޅެއް ތިލަ ހިސާބުތަކަށް ދަތުރުކުރެއެވެ. ތުތި ބޯވަދިލަމަސް އެއްތަނުން އަނެއްތަނަށް ހިޖުރަކުރުން ބަރޯސާވަނީ ކަނޑުގެ އޮއިވަރުގެ މައްޗަށެވެ.

މި ސޮރުމެންނަކީ އާންމުކޮށް ހެލިފެލިވެ އުޅޭ ބާވަތެއް ނޫންނަމަވެސް، އޭގެ ފުޅާ ކޮތަރި ބޭނުންކޮށްގެން ލަސްލަހުން އެއްތަނުން އަނެއްތަނަށް ދަތުރުކޮށް އުޅެއެވެ. އަދި ނުރައްކަލަކާ ކުރިމަތިވެއްޖެނަމަ، އެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި ކުއްލި ހަރަކާތަކާއެކު ބާރު ދުވެލީގައި ދަތުރުކުރުމާއި ކަޅު ދެލިގަނޑެއް ދޫކޮށްލުމުގެ ޤާބިލުކަންވެސް އެ ސޮރުމެންނަށް ލިބިގެންވެއެވެ. ތުތި ބޯވަދިލަމަހަކީ އެންމެ ކުޑައިރުއްސުރެން ސައިޒުގެ ގޮތުން އެއްވަރު، އަންހެން އަދި ފިރިހެން ބާވަތް ހިމެނޭ ގޮތަށް ޖޯޑު ހަދައިގެން އުޅޭ ބާވަތެކެވެ.

ތުތި ބޯވަދިލަމަހުގެ ޅަ ބާވަތްތައް ގިނައިން ކައި އުޅެނީ ކަކުނިފާޑުގެ ދިރުންތަކެވެ. އަދި ބޮޑެތި ތުތި ބޯވަދިލަމަހުގެ ކާނާގެ ތެރޭގައި މާކަނޑުގައި އުޅޭ ބޯވަ އަދި އޮޔާއެކު ދައުރުވާ ކުދި ސޫފި ކައި އުޅޭ މަސްމަހާމެހި ހިމެނެއެވެ. ކާނާގެ ގޮތުގައި ތުތި ބޯވަދިލަމަހަށް ޝިކާރަ ކުރާ މަސްމަހުގެ ތެރޭގައި އެހެނިހެން ބޯވަދިލަމަހާއި، ފިޔަލަ އާއި، ތޮޅީގެ އިތުރުން ކަނޑުމަހުގެ އެކި ބާވަތްތަކާއި (ރީނދޫއުރަހަ ކަންނެއްޔާއި ލޯބޮޑު ކަންނެލި)، މިޔަރު އަދި ބޮޑުމަހާއި ކޯމަހުގެ ބާވަތްތައް ހިމެނެއެވެ.

މަސްދަރު: ތުތި ބޯވަދިލަމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!