މަސްވެރިކަމާއި ގުޅޭ

ކެންދޫ މަސްކައްކާ ފަރާތްތަކުން އަތިރިމަތީގައި މަސްކަނޑަނީ -   ފޮޓޯ: ކެންދޫ މަސްވެރިން
ކެންދޫ މަސްކައްކާ ފަރާތްތަކުން އަތިރިމަތީގައި މަސްކަނޑަނީ - ފޮޓޯ: ކެންދޫ މަސްވެރިން

ކެންދޫއިން ފެންނަނީ އިހުގެ މަސްވެރިކަމުގެ ހިތްގައިމު މަންޒަރުތައް، ނަމަވެސް މަސްވެރިންގެ ކަންބޮޑުވުންތައް ގިނަ!

ރާއްޖޭގައި އިހުގައި މަސްވެރިކަން ކުރަމުން އައިސްފައިވަނީ މިހާރު ގިނަ ރަށްރަށުގައި މަސްވެރިކަން ކުރަމުން އަންނަ ގޮތާއި ތަފާތު ގޮތަކަށެވެ.

މިހާރު ޒަމާން ތަރައްޤީވެ ބާނާ މަސް ކިރޭނެ ގޮތްތައް ހަމަޖެހިފައިވުމުން، ރަށުން ފުރާ ދޯނި ރަށަށް އަންނާނީ ބޭނި މަސް ކޮޅު ކިރާފައެވެ. އަދި މަސްވެރިކަންނަށް މުސާރައަށް ދޭނީ އެ ކިރިމަހުން ލިބުނު ފައިސާއެވެ.  އެހެން ނަމަވެސް އިހުގައި ރަށުން ފުރާ ދޯނި ރަށަށް އަންނާނީ ބޭނި މަސްކޮޅާއި އެކުއެވެ. ބޭނި މަސްތަކުން ދޯނީގެ އޮޑިވެރިއާއަށް ބައެއް އެޅުމަށްފަހު ދެން އިން އެއްޗެއް ދޯނިން މަހަށް ދިޔަ މަސްވެރިންގެ މެދުގައި ބަހާލާނީއެވެ.

ކެންދޫ މަަސްކައްކާ ފަރާތްތަކުން އަތިރިމަތީގައި މަސްކެނޑުމުގެ މަސައްކަތުގައި - ފޮޓޯ: ކެންދޫ މަސްވެރިން

ކޮންމެ މަސްވެރިއެއްވެސް އެލިބުނު މަސް ކޮޅު ކައްކައިގެން، ވަޅޯ މަހާ، ހިކި މަސް އަދި ރިހާކުރު ފަދަ އުފެއްދުންތައް އުފައްދައިގެން މާލެ އަށް ފޮނުވައިގެން ވިއްކަނީއެވެ. މިއީ ބުރަ މަސައްކަތެކެވެ.

ރާއްޖޭގައި މަދުން ނަމަވެސް މި ގޮތަށް މަސްވެރިކަން ކުރާ ރަށްތައް އަދިވެސް އެބަހުއްޓެވެ. އެގޮތުން ބ. އަތޮޅު ކެންދޫ އަކީ ފާހަގަކޮށްލެވޭ ރަށެކެވެ.

އެރަށުގައި އެކި ބާވަތްތަކުގެ މަސްވެރިކަން ކުރާ 25 ހަކަށް ލަނކުޑި އޮޑިފަހަރުއޮވެއެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 8 ދޯންޏައަކީ ކަނޑުމަސްވެރިކަން ކުރާ ދޯނިތަކެވެ. ދެން ހުރި ދޯނިތަކުން އާއްމުގޮތެއްގައި ކުރަނީ ފަރުމަސްވެރިކަމެވެ.

އެރަށުން މިގޮތަށް މަސްވެރިކަން ކުރާ ދޯނިތަކާއި މަސްވެރިން އެމްވީއިން ވާހަކަދައްކާލީމެވެ. އެގޮތުން އެރަށު އަރަމާ ދޯނީގެ ކެޔޮޅު އަޙްމަދު އަބްދުލް ރަހްމާން ވަނީ މި މަސްވެރިކަން ކުރުމުގައި ހުރި ދަތިތަކުގެ ވާހަކަތައް ހިއްސާކޮށްފައެވެ.

އަރަމާ ދޯނި - ފޮޓޯ: ކެންދޫ މަސްވެރިން

ކެޔޮޅު އަޙްމަދު މަސްވެރިކަން ކުރާތާ މިހާރު 30ހަކަށް އަހަރުވަނީ ވެފައެވެ. އޭނާ ކެޔޮޅުކަން ކުރާ ދޯނީގައި ގާތްގަނޑަކަށް 10 ވަރަކަށް މަސްވެރިން މަހަށްދެއެވެ. މި ދޯނިން އާއްމުކޮށް ބާނަނީ ރާގޮނޑި އާއި ލައްޓިއެވެ. އޭނާ ބުނީ މިހާރު މި މަސްވެރިކަމުން ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށެވެ. ސަބަބަކީ ކައްކާ މަސްކޮޅު ނުވިކި ގިނަ ދުވަސްވަންދެން ހުރުމުންނާއި، މާލެއަށް ފޮނުވައިގެން ވިއްކާ މަސްކޮޅުވެސް ވިކުނު ނަމަވެސް ލިބެން ޖެހޭ ފައިސާ ނުލިބި ގިނަ ދުވަސްވާކަމަށް އަޙްމަދު ބުންޏެވެ.

" މިހާރު އަގު ހުންނަ ގޮތުން ވަރަށް ކުޑައެއްޗެއް ލިބެނީ، އަގުވަނީ ވަރަށް ދަށްވެފައި،" އަޙްމަދު ބުންޏެވެ.

އެރަށު ރިންމަސް ދޯނީގެ އޮޑިވެރިޔާ މުޙައްމަދު އަބަދުލް ރަޝީދުވެސްވަނީ މަސްވެރިކަމުގައި ހުރި ދަތިތަކާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ. އެގޮތުން އެދޯނިންވެސް 10ވަރަކަށް މީހުން މަހަށްދެއެވެ.

ރިންމަސް ދޯނި - ފޮޓޯ: ކެންދޫ މަސްވެރިން

ކުރިން ރިސޯޓްތަކަށް ފަރުމަސް ވިއްކުނު ނަމަވެސް މިހާރު އެވިޔަފާރިވެސް ވަރަށް ދަށްވެފައިވާ ކަމަށެވެ.

އަދި މާލެއަށް ފޮނުވާ މަސްތައްވެސް ރާއްޖެއިން މަސް އެކްސްޕޯޓް ކުރާ މީހުން ގަތުމަށްފަހު، ފައިސާ ނުލިބޭކަމަށް މުޙައްމަދު ބުންޏެވެ.

" ތިންމަސްވަނީ މިހާރު ވިކިފަ ހުރި މަހުގެ ލާރި ނުލިބޭތައް، މިހެންކަންތައް ދިމާވީމަ ވަރަށް ދަތިވޭ،" މުޙައްމަދު ބުންޏެވެ.

މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިމަސްވެރިކަން ކުރާ ފަރާތްތަކަށް ސަރުކާރުން އަޅާ ނުލުމެވެ. އަދި ސަރުކާރުން މިކަމަށް އެއްބާރުލުންދޭނަމަ މި މަސްވެރިކަންވެސް ކުރިއަރައިގެންދާނެ ކަމަށް އެރަށު މަސްވެރިން ދެކެއެވެ.

މަސްް ކައްކަނީ - ފޮޓޯ: ކެންދޫ މަސްވެރިން

ކެންދޫ ކައުންސިލްގެ މެމްބަރު އިބްރާޙިމް އަބްދުލް ރަޙްމާން ވަނީ އެރަށުގެ މި މަސްވެރިކަމުގެ ސިނާއަތާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ. އެގޮތުން ކޮވިޑާއި ގުޅިގެންވެސް ރިސޯޓްތަކުން މަސް ކިރޭ މިންވަރު މިހާރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެގޮތުން ރިސޯޓްތަކުން މަސް ބޭރުން އިމްޕޯޓްކުރާކަން ފާހަގަކުރެވޭ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

"މިހާރު އެންމެ އެކަށީގެންވާ އާމްދަނީ ލިބޭ މަސްތައް ވަރަށް ބޮޑަށް ދަށްވަމުންމިދަނީ، މަސްވެރިންނަށް އާމްދަނީގެ ލެވަލް މައްޗަށް އަރައިގެން ނުދާކަން ފާހަގަވޭ، މަސް ވިއްކުމުގައި ގިނަ ދަތިތަކެއް މަސްވެރިންނަނަށް އެބަހުރި،" އިބްރާހިމް ވިދާޅުވިއެވެ.

ކެންދޫ މަސްވެރިން މަސްބައި އަޅަނީ - ފޮޓޯ: ކެންދޫ މަސްވެރިން

އިބްރާހިމް ފާހަގަކުރިގޮތުގައި އެރަށާއި ކައިރީގައިވެސް އައިސް ޕްލާންޓެއް ނުހުރެއެވެ. އެގޮތުން އެރަށާއި އެންމެ ކައިރިންވެސް ލިބޭނީ އެރަށާއި 17 މޭލު ދުރުން، ބ.ތުޅާދޫއިން ކަމަށެވެ.  މީގެ އިތުރުން ބ.އަތޮޅު އުތުރު ސަރަޙައްދުގައިވެސް ކަނދު ފައްޗެއް ނޯންނަ ކަމަށާއި، މިއީވެސް މަސްވެރިންނަށް ހުރި ބޮޑު ދައްޗެއް ކަން އިބްރާޙިމް ފާހަގަކުރެއެވެ.

ކެންދޫގެ އާބާދީގެ ބޮޑުބައެއް މަސްވެރިކަމުގައި މަސައްކަތްކުރަމުންދާއިރު، ވަޅޯ މަހުގެ ވިޔަފާރިއަކީވެސް ރާއްޖޭގެ ކުރިއަރުވަން ޖެހިފައިވާ ވިޔަފާރިއެކެވެ. އެފަދަ މަސައްކަތްކުރާ ފަރާތްތަކުގެ އުފެއްދުންތައް ވިއްކޭނެ ފަސޭހަގޮތްތަކެއްގެ ބޭނުންވަނީ ޖެހިފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!