މަސްވެރިކަމާއި ގުޅޭ

ކިރުޅި ފާނަ - ފޮޓޯ: ރީފްލައިފްސާވޭ

ކިރުޅި ފާނަ

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައްޔާއި އެތެރެވަރީގެ ތިލަ ހިސާބުތަކުގައި އުޅޭ މަހެކެވެ.

މިބާތުގެ މަސް އަޑިއަށް ފައްތައިގެން ކުރާ ކެޔޮޅުކަމުގައްޔާއި، ކޮށިފައްތައިގެންނާއި، ފަރުމަތީ ދާއަޅައިގެން ހިފެއެވެ. މިއީ އިސްކޮޅުން ކުޑަ ފާނައެކެވެ. މިބާވަތުގެ ފާނަ 40 ސެންޓިމީޓަރަށްވުރެ ކުޑަތަންކޮޅެއް ބޮޑުވާކަމަށްވެއެވެ. މިފާނަ ޢާއްމުގޮތެއްގައި އުޅެނީ 5 މީޓަރާއި މީޓަރާ ދެމެދުގެ ފުންމިންހުންނަ ސަރަޙައްދުތަކުގައެވެ. ގިނައިން ފެނިފައި ހުންނަނީ އުރަފަށްކައިރީ ހެދިފައި ހުންނަ ހޮހަޅަތަކާއި، ގާތަކުގެ ނިވަލުގައި އުޅޭތަނެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 14 އާއި 16 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަޑު ބޮޑެވެ. އަދި ކަންފަތްގަޑުގައި 15 އާއި 17 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ.

މަހުގެ ކުލައަކީ ގަދައަޅި ނުވަތަ މުށިކުލައެކެވެ. މަހުގެ ކޮތަރިތަކާއެކު މުޅިހަށިގަޑުގައި ފަނޑު އަޅި ނުވަތަ ނޫއަޅިކުލައެއްގެ ލައްތަކެއްހުރެއެވެ. މިއީ ދިވެހި މަސްވެރިން ގިނައިން ބާނާއުޅޭ މަހަކަށް ނުވުމާއެކު މިމަހަށް ވަކިނަމެއް ކިޔާއުޅޭކަމަށް ރެކޯޑްކުރެވިފައެއް ނެތެވެ. ވުމާއެކު މަހުގައި ހުންނަ ކިރުޅިކުލައަށް ބަލާ މިމަހަށް "ކިރުޅިފާނަ" ގެ ނަމުން ނަންދީފައިވަނީއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: White-streaked grouper

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!