Ice Mifco

ކަނޑުމަހުގެ މަސްވެރިންނަށް އައިސް ވިއްކާ އަގުގައި ކަންނެލި މަސްވެރިންނަށް އައިސް ލިބޭނެ: މިފްކޯ

ކަނޑުމަހުގެ މަސްވެރިންނަށް އައިސް ވިއްކާ އަގުގައި ކަންނެލި މަސްވެރިންނަށްވެސް އައިސް ލިބޭނެ އިންތިޒާމް މިފްކޯއިން ހަމަޖައްސައިފިއެވެ.

މިގޮތަށް ހަމަޖެހިގެން ދިޔައީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއާއި މިފްކޯއާއި އެކީ ކުރެވުނު މަޝްވަރާ ތަކުގައެވެ. ބޮޑުކަންނެލި މަސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ޔޫނިއަންގެ މެނޭޖްމަންޓުންވަނީ މިފްކޯގެ މެނޭޖްމަންޓާ ބައްދަލުކޮށް ބޮޑުކަންނެލި މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މަޝްވަރާކޮށްފައެވެ. އެ ގޮތުން ކަނޑުމަހުގެ މަސްވެރިންނަށް ވިއްކާ އަގުގައި ކަންނެލި މަސްވެރިންނަށް އައިސްލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ޔޫނިއަންއިން އެދުުނު ގޮތަށް މިފްކޯއިން ވަނީ އެ ބަދަލު ގެނެސްފައެވެ.

"ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މިފްކޯއާ މަޝްވަރާކުރީ. ވަރަށް ގިނަ ކަންނެލި އޮޑިފަހަރުން ޝަކުވާ ކުރާ މައްސަލައެއް މީ، މިފްކޯއިން ކަންނެލި މަސްވެރިންނަށް އަގު ބޮޑުކޮށް އައިސް ވިއްކުން. މިކަމާ ފިޝަރީޒް މިނިސްޓްރީއާވެސް މަޝްވަރާކޮށްފައި ވާނީ. އަހަރުމެން ކަންނެލި މަސްވެރިންނަށްވެސް ކަނޑުމަހުގެ މަސްވެރިންނެކޭ އެއްގޮތަށް މިފްކޯއިން އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައިދީފި" ޔޫނިއަންގެ ނައިބް ރައީސް، އިމްރާން ބުންޏެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ، މަސްވެރިން އެމްވީއަށް މައުލޫމާތު ދެމުން ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ކަންނެލި މަސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނުކަމަށެވެ. އެގޮތުން ކަނޑުމަހުގެ މަސްވެރިންނަށް އައިސް ވިއްކާ އުސޫލުން ކަންނެލި މަސްވެރިންނަށްވެސް އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ޔޫނިއަން އިން އެދުނު ގޮތަށް މިހާރު ކަންނެލި މަސްވެރިންނަށްވެސް ކަނޑުމަހުގެ މަސްވެރިންނެކޭ އެއްގޮތަށް މިފްކޯގެ ހުރިހާ އައިސް ޕްލާންޓްތަކުން އައިސް ލިބޭނެކަމަށް ފައުޒީ ވިދާޅުވިއެވެ.

10 ޑިސެމްބަރ 2020 އިން ފެށިގެން ކަނޑުމަހުގެ މަސްވެރިންނަށް މިފްކޯއިން އައިސް ޓަނެއް ވިއްކަނީ -/750 ރުފިޔާއަށެވެ.

26 ފެބްރުއަރީ 2016 ން 10 ޑިސެމްބަރ 2020ގެ ނިޔަލަށް މިފްކޯއަށް 4 ޓަނަށްވުރެ ގިނައިން މަސްކިރުވާ ދޯނިތަކަށް އައިސް ވިއްކަމުން ގެންދިޔައީ -/750 ރުުފިޔާއަށެވެ. 1 ޓަނާއި 4 ޓަނާއި ދެމެދުގެ އަދަދަކަށް މަސްކިރުވިނަމަ، އައިސްޓަނެއް -/900 ރުފިޔާ އަދި ޓަނަކަށްވުރެ ދަށްނަމަ، އައިސްޓަނެއް -/1000 ރުފިޔާއެވެ. އެހެންނަމަވެސް މިހާރު މަސްވެރިންނަށް އައިސް ވިއްކުމުގައި މިފްކޯއަށް ކިރުވާ މަހުގެ އަދަދަށް ބަލާ އަގުތަފާތުކުރުމެއް ނޯވެއެވެ.

މިފްކޯއަށް މަސްނުކިރާ ދޯނިފަހަރަށް އައިސް ޓަނެއް ވިއްކަމުން ދިޔައީ އައިސްޓަނެއް -/1270 ރުފިޔާއަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!