މަސްވެރިކަމާއި ގުޅޭ

ތައިލެންޑް ބާޒާރުގައި ކަނޑުމަސް ޓަނެއްގެ އަގު 1200 ޑޮލަރަށް ދަށްވެއްޖެ

ތައިލެންޑް ބާޒާރުގައި ކަނޑުމަސް ޓަނެއްގެ އަގު 1200 ޑޮލަރަށް ދަށްވެއްޖެއެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ތައިލެންޑް ބާޒާރުގައި ކަނޑުމަހުގެ އަގުވަނީ ދަށަށް ދާންފަށާފައެވެ. އަދި ފެބްރުއަރީ މަހުގެ ތެރޭގައި ކަނޑުމަހުގެ އަގު އިތުރަށް ދަށްވާނެކަމަށް ތައިލޭންޑަށް މަސް ބޭރުކުރާ ކުންފުނިތަކުން މީގެ ކުރިންވަނީ އަންދާޒާ ކޮށްފައެވެ. އެހެންނަމަވެސް، އުއްމީދުކުރި ގޮތާއި ޚިލާފަށް ކަނޑުމަހުގެ އަގު އެހާ ބޮޑުތަނުން ދަށްވެފައިނުވާކަމަށް ކުންފުނިތަކުން ބުނެއެވެ.

ކުންފުނިތަކުން ކުރިން އަންދާޒާކުރީ ގަނޑުކުރި ކަނޑުމަސް ޓަނެއްގެ އަގު 1100 ޑޮލަރަށް ދަށަށް ދާނެކަމަށެވެ.

ކަނޑުމަހުގެ މަސްވެރިކަންކުރާ އެމެރިކާގެ ކުންފުންޏަކުން "އަންޑަރކަރަންޓް ނިއުސް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ބޭންކޮކް ބާޒާރަށް އެންމެ ފަހުން ކަނޑުމަސް ޓަނެއް ވިއްކާފައިވަނީ ޓަނެއް 1200 ޑޮލަރަށް ކަމަށެވެ. އަދި ކުންފުނިތަކުން ކުރިން އަންދާޒާކުރީީ ކަނޑުމަސް ޓަނެއް 1100 އަށް ދަށަށްދާނެ ކަމަށެވެ. ކުރިއަށް އޮތް ހަފްތާގައި ކަނޑުމަހުގެ އަގަށް އަންނަ ބަދަލު އެގިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ތައިލެންޑް ބާޒާރުގައި ކަނޑުމަހުގެ އަގު 1200 ޑޮލަރަށް ހުރިކަމުގައި ވިޔަސް ޔޫރަޕްގެ ދަޅުބަނދުކުރާ ކުންފުންޏަކުން 1150 ޑޮލަރަށް ވިޔަފާރި ކޮށްފައިވާކަމަށްވެސް އެ ނޫހުންވަނީ ރިޕޯޓްކޮށްފައެވެ.

ރާއްޖޭގައި މިވަގުތު 1.5 ކިލޯއިން މަތީ ކަނޑުމަސް ޓަނެއް މިފްކޯއިން ގަންނަނީ 1037.6 ޑޮލަރަށެވެ. ހޮރައިޒަން ކުންފުނިން 2.5 ކިލޯއިން މަތީ ކަނޑުމަސް ޓަނެއް ގަންނަނީ 1037.6 އަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!