މަސްވެރިކަމާއި ގުޅޭ

ވެލިފާނަ - ފޮޓޯ: މިއުޒިއަމްސް ވިކްޓޯރިއާ

ވެލިފާނަ

ވެލިފާނައަކީ ފަރުފަޅުތަކުގެ ބޭރުގައި ގިނަ ފާނަތަކަށްވުރެ ތަންކޮޅެއް ފުނުގައި އުޅޭ ފާނައެކެވެ.

މިމަސް ގިނައިން އުޅެނީ30 މީޓަރަށްވުރެ ފުނުގައެވެ. ވުމާއިއެކު ފުޅި އަޅައިގެން އަޑިއަށް ފީނާ އުޅޭ މީހުންނަށްވެސް މި މަސް ފެންނަނީ ވަރަށް މަދުންނެވެ. ނަމަވެސް ނަނު ފައްތައިގެން ކުރާ ރޭގަނޑު ކެޔޮޅުކަމުގައި މަދުމަދުން މި މަސް ބޭނެއެވެ. މަހުގެ ބޮލުން ލޮލާއި ދިމާއިން ވަރަށް ބޮޑަށް އަޑިވެފައި ހުރެއެވެ.

މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މީރު މަހެކެވެ. މަހުގައި ހުންނަނީ ކުދި ހުޅުނބުތަކެކެވެ. މިފާނަ އެންމެ ބޮޑުވަނީ57 ސެންޓިމީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއިއެކު 14 އާއި 16 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި3 ހަރުކަށްޓާއިއެކު 9 މަޑުކަށިހުރެއެވެ.. މަހުގެ ކަންފަތުގައި 18 އާއި 20 އާ ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ.

މަހުގެ ކުލައަކީ ނާރިނގު ކުލައަކަށްދާ ރަތްކުލައެކެވެ. ހުދުކުލައިގެ ކުދިކުދި ތިކިތަކެއް މަހުގައި ފަނޑުގޮތަކަށް ހުރެއެވެ. ބޮލުގައި ހުންނަނީ ވައިލެޓް ކުލައެކެވެ. އަދި ނާރިނގު ކުލައިގެ ކުދި ތިކިތަކެއްވެސް ބޮލުގައި ހުރެއެވެ. ކޮތަރިބައިގެ ކުލައަކީ ރަތްކުލައެވެ. މަހުގެ ކާނާއަކީ ކުދިމަހާއި ކަކުނިފާޑުގެ ސޫތްޕެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Tomato hind

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!