ރާއްޖެއިން ބާނާ މަސް ރޯމެޓީރިއަލްގެ ގޮތުގައި ބޭރުކުރުން ހުއްޓާލުމަށް މަސައްކަތް ފަށާފައިވާކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
މިފްކޯއިން ކުރިއަށްގެންދާ މަޝްރޫއުތަކާ ބެހޭގޮތުން ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ފައުޒީ ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ގަނޑުކުރި މަހުގެ އަގު ރަގަޅު ނޫންކަމަށާއި އޭގެ ސަބަބުން މަސްވެރިންނަށް އެކަށީގެންވާ އަގު ނުދެވޭ ކަމަށެވެ. ބޭރުގެ ބާޒާރުތަކުގައި ކަޅުބިލަމަސް ޓަނެއްގެ އަގު 800 ޑޮލަރަށް ދަށަށް ދިޔަކަމަށް ފާހަގަކުރަމުން ފައުޒީ ވިދާޅުވީ ބޭރުގެ ބާޒާރުގައި މަހުގެ އަގު ދަށްވުމުގެ ސަބަބުން މިފްކޯއިން "ފްލޯޓިންގ" އަގަކަށް މަހުގެ އަގު ބަދަލު ކުރަން ޖެހުނު ކަމަށެވެ. އަދި މިހާރުވެސް ބޭރުގެ މާކެޓްތަކުގައި ގަނޑުކުރި މަސް ޓަނެއްގެ އަގުހުރީ 1200 ޑޮލަރަށް ކަމަށް ފައުޒީވިދާޅުވިއެވެ.
"އިންޓަނޭޝަނަލް މާކެޓްގަ އަގުހުރީ އަޅުގނަޑުމެންނަށް އެންމެ ފޭވާކޮށްނޫން. ޕާސެއިންގެ އަގު ގާތްގަނޑަކަށް 800 ޑޮލަރާއި ހަމައަށް ދަށަށް ދިޔަ. މިދިޔަ އަހަރުގެ ސެޕްޓެމްބަރ 25 އާ ހަމައަށް މަސްވެރިންނަށް ފައިސާ ދެމުން އައީ ސަރުކާރުގެ އެހީތެރިކަމާއި އެކު. މިހާރު އިންޓަނޭޝަނަލް މާކެޓްގެ އަގާއި އެއްކޮށް "ފްލޯޓިން ޕްރައިޒް" މެކޭނިޒަމްއަކަށް މައިގްރޭޓްވީ. މިހާރުވެސް މަހުގެ އަގު ހުރީ ބެންކޮކްގައި1200 ޑޮލަރަށް" ފައުޒީ ވިދާޅުވިއެވެ.
މިފްކޯގެ ތަރައްގީގެ މަޝްރޫއު ތަކުގެ ތެރޭގައި ކޫއްޑޫއާއި ފެލިވަރާއި ކަޑުއޮތްގިރިއާއި ގދ. ތިނަދޫއާއި މ. މުލަކުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ. މީގެ ތެރެއިން ފެލިވަރުގެ ބިންހިއްކުމުގެ މަޝްރޫޢުވަނީ އެމްޓީސީސީއާ ހަވާލުކުރެވިފައެވެ. މި މަސައްކަތްތައް ކުރާނީ، އިންޑިއާގެ އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓާއި ސައުދީ ފަންޑުގެ އިތުރުން ސަރުކާރުގެ އެހީގެ ދަށުންނެވެ.
ރޯމެޓީރިއަލްގެ ގޮތުންގައި ރާއްޖެއިން މަސްބޭރު ނުކޮށް، "ޕްރޮސެސްކުރި" މަހުގެ ގޮތުގައި މަހުގެ އުފެއްދުންތައް ބޭރުކުރުމަށް މިފްކޯ ތަރައްގީގެ މަސައްކަތްތައް ނިމޭއިރު މިފްކޯގެ ހާލަތު ރަގަޅުވާނެކަމަށް ފައުޒީ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ފެސިލިޓީސްތައް އެކްސްޓެންޑު ކުރުމާއި، ޕްރޮސެސް ކެޕޭސިޓީއަށް އިތުރުކުރުމުގެ ކަންކަން އިރާދަކުރެއްވިއްޔާ ސައުދީ ފަންޑާއި އިންޑިއާގެ އެގްޒިމް ބޭންކުގެ ތެރެއިން މި ފަށަނީ. އެހެންވީމާ އެކަންކަން ނިމޭއިރު މިފްކޯ އޮންނާނީ ރަގަޅު ހާލަތުގަ" ފައުޒީ ވިދާޅުވިއެވެ.
ފާއިތުވި 7 އަހަރު މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުން އައީ ފިނިކުރި މަސް ކިލޯއެއް -/20 ރުފިޔާއަށެވެ. އެހެންނަމަވެސް ދުނިޔޭގެ ބާޒާރުގައި ގަނޑުކުރި މަހުގެ އަގު ދަށްވުމާއި ގުޅިގެން، 24 ސެޕްޓެމްބަރ 2020ން ފެށިގެން މިފްކޯއިން ވަނީ މަހުގެ އަގު ބޭރުގެ ބާޒާރުގެ އަގަށް އަންނަ ބަދަލާއިއެކު، ބަދަލުވާ އަގަކަށް ބަދަލުކޮށްފައެވެ. އެގުތުން ފިނިކުރި މަސްކިލޯއެއްގެ އަގު-/18 ރުފިޔާއަށް ދަށް ކުރުމަށްފަހު، 10 އޮކްޓޯބަރ 2020 ގައި މިފްކޯއިންވަނީ ފިނިކުރި މަސް ކިލޯއެއްގެ އަގު-/16 ރުފިޔާއަށް ދަށްކޮށްފައެވެ.
މަސްވެރިން ބާނާ މަހަށް ހަމައަގު ނުލިބުމުގެ ޝަކުވާއަށް އޮތް ހައްލަކީ ރާއްޖެއިން ބާނާ މަސް ގަނޑުކުރި މަހުގެ ގޮތުގައި ބޭރުނުކޮށް، އަގު އެއްކޮށް ރާއްޖެއިން ބޭރަށް ވިއްކުމުން ކަމަށް މި ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން އެއްބަސް ވެއެވެ. އެހެންކަމުން މިފްކޯ ތަރައްގީވެ، މިފްކޯއިން ގަނޑުކުރިމަސް ބޭރުކުރުން ހުއްޓުމަކަށް ގެނެސ،ް މަސްވެރިންނަށް އެކަށީގެންވާ ރަގަޅު އަގު ލިބޭނެ ކަމަށް މަސްވެރިން އުއްމީދުކުރެއެވެ.