ފަރެސްމާތޮޑާ "ގެލަރީ މިޝަން" ދޯނީގެ ފަޅުވެރިންނަށް ސްކޮލާޝިޕް ފުރުސަތުތައް!

ގެލެރީ
ގެލެރީ

ގދ. ފަރެސްމާތޮޑާ "ގެލަރީ މިޝަން" ދޯނީގެ ސްކޮލާޝިޕްގެ ދަށުން، އެ ދޯނީގެ ފަޅުވެރިއަކު ކޯސްޓަލް ނެވިގޭޝަން ކޯސް ފުރިހަމަކޮށްފިއެވެ.

ނިޔަމި ކޯސް ފުރިހަމަކޮށްފައި ވަނީ ގެލަރީ މިޝަން ދޯނިން މަހަށްދާ ޒުވާން ފަޅުވެރިއާ ޖުމާނު ރަޝީދެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ގދ. ތިނަދޫ ކެމްޕަސްއިން ކުރިއަށް ގެންދިޔަ މި ކޯހަކީ އެއްމަސް ދުވަހުގެ ކޯހެކެވެ. މި ކޯސް ފުރިހަމަކުރުމަށް ބޭނުންވާ ހުރިހާ ޚަރަދެއް ހަމަޖައްސައިދިނީ ގެލަރީ މިޝަން ދޯނިންނެވެ.

ގެލަރީ މިޝަން ދޯނީގެ ވެރިޔާ އަދި ކެޔޮޅު އަހްމަދު ޒައިން މަސްވެެރިން އެމްވީއަށް މައުލޫމާތު ދެމުން ބުނީ، ޖުމާނުއަށް ދިން ފުރުސަތަކީ، އެ ދޯނިން ކޮންމެ އަހަރަކު ފަޅުވެރިންނަށް ދޭން ނިންމާފައިވާ ސްކޮލާޝިޕް އެހީގެ ތެރެއިން ދެވުނު ފުރުސަތެއް ކަމަށެވެ. އެ ދޯނީގެ ފަޅުވެރިންނަށް ކޮންމެ އަހަރަކު ނިޔަމި ކޯސް ހެދުމަށް އެހީތެރިވެދޭނެ ކަމަށް ޒައިން ބުންޏެވެ. މީގެ ބޭނުމަކީ ފަރެސްމާތޮޑާގެ ޒުވާނުން މަސްވެރިކަމަށް ޝަައުގުވެރިކޮށް، މަސްވެރިކަމުގެ ދާއިރާއިން ޒުވާނުން ކުރިއަށް ދިއުމަށް ހިއްވަރުދިނުން ކަމަށް ޒައިން ބުންޏެވެ.

"ސްކޮލާޝިޕްގެ ބޭނުމަކީ ރަށުގެ ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކުރުވުނ. ވީހާވެސް ގިނަ ޒުވާނުން މަސްވެރިކަމަށް ނުކުންނަން ބޭނުންވަނީ. މި ފުރުސަތު ކޮންމެ އަހަރަކު ދޯނީގެ ފަޅުވެރިއަކަށް ދޭނަން" ޒައިން ބުންޏެވެ.

ނިމިގެން ދިޔައަހަރު ގެރަލީ މިޝަންދޯނީގެ ފަޅުވެރިއަކަށް އޯޕަން ވޯޓާ ޑައިވިންގ ކޯސް ހެދުމުގެ ފުރުސަތުވެސް ޒައިންވަނީ ދީފައެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ 11 ވަނަ މާއްދާގައި މަސްވެރިކަމުގެ ސިނާޢަތް ފުޅާކޮށް ކުރިއަރުވައި، އެ ސިނާޢަތުގެ ތައުލީމާއި ތަމްރީން ޒަމާނާއެއްގޮތަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި މަސްވެރިކަމާގުޅޭ އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް ޤާއިމުކޮށް ތަރައްޤީކުރަން ޖެހެއެވެ.

މަސްވެރިކަމުގެ ދާއިރާއިން ބޭނުންވާ ތަމްރީނުތައް ހެދުމަށް މަސްވެރިންނަށް ފުރުސަތުތައް ސަރުކާރުން ފަހިކޮށްދޭންޖެހޭކަމަށް މަސްވެރިން ދެކެއެވެ. ޑައިވިން ކޯސް، ނިޔަމި ކޯސް ނުވަތަ މިނޫންވެސް ދާއިރާތަކުން ކިޔެވުމަށް މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭނަމަ، މި ދާއިރާއަށް ޒުވާނުން ނުކުންނަށް ޝައުގުވެރިވާނެކަމަށްވެސް ގިނަ މަސްވެރިން ދެކެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ވަރަށްއުފާވޭ މިފަދަ ފުރުޞަތުތައް ޒުވާން މަސްވެރިންނަށްދީ މަސްވެރިކަން ތަރައްޤީ ކުރަންމަސައްކަތްކުރާތީ ހަގީގަތުގައި މިކަންކަމަށް ސަރުކާރުން އެއްބާރުލުންދީ ހަދާނަމަ މަސްވެރިކަމަށް ޒުވާނުންދޭ ސަމާލުކަންމާބޮޑަށްވެސް އިތުވާނެ

ފަހުގެ