ސ. ހުޅޫދޫއާ ދިމާ 1 މޭލު ބޭރުން މަސްވެރިކަން ކުރަމުންދިޔަ ގއ. ކަނޑުހުޅުދޫ "ސީ ހޯސް 3"ގެ ފަޅުވެރިއަކު ހާލުދެރަވެގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފްއިން ބުނީ "ސީ ހޯސް 3" ގެ 67 އަހަރުގެ ފަޅުވެރިއެއްގެ ހާލުދެރަވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިއަދު 13:50 ގަައި ކަމަށާއި، އެއާއެކު، ސަދަން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއި އެކު 14:27ގައި އެ ފަޅުވެރިޔާ ސ. ފޭދޫ އަށް ގެންގޮސްދީފައި ވާނެކަމަށެވެ.
"ސީ ހޯސް 3" ދޯނިން މަސްވެރިން އެމްވީއަށް މައުލޫމާތު ދިން އިސް މީހަކު ބުނީ މިއަދު އެ ދޯނި މަސްވެރިކަން ކުރަން އުޅުނީ އައްޑޫ ކައިރީގައި ކަމަށެވެ. އަދި ހާލު ދެރަވި ފަޅުވެރިއާ މިއަދު ބަލިކޮށް އުޅުނުކަން ފާހަގަ ކުރެވުނު ކަމަށާއި، މެންދުރުހާއިރު ނޭވާލާން އުދަގޫވެގެން އުޅޭތީވެ އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުނީއެވެ. އެ ފަޅުވެރިއާގެ ހާލު މިހާރު ރަގަޅުކަމަށްވެސް އޭނާ މައުލޫމާތުދެއެވެ.
މަސްދޯނިފަހަރު ބޭރުކަނޑުގައި އުޅެނިކޮށް މަސްވެރިންނަށް ދިމާވާ ސިއްޚީ ކުއްލި މައްސަލަތަކަށް އެމްއެންޑީއެފުން އަންނަނީ އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.