Lighting

ގަދަ އަލި ބޭނުންކޮށްގެން އެންދެމުމުން އެންވެސް މަރުވޭ، ފަރުތަކަށްވެސް ގެއްލުންވޭ: ކެޔޮޅު ޝަފީގް

އެންދަމަން މަސްވެރިން ބޭނުންކުރާ ލައިޓްގެ ސަބަބުން އެން މަރުވުމުގެ އިތުރަށް ފަރުތަކަށްވެސް ގެއްލުން ލިބެމުންދާކަން ފާހަނގަކުރެވިފައިވާ ކަމަށް ސ. މަރަދޫ ކޮންކޯޑް ދޯނީގެ ކެޔޮޅު ޝަފީގު ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީއާއި ރާއްޖެޓީވީ ގުޅިގެން ގެނެސްދޭ މަސްވެރިންގެ ސައްލާ ޕްރޮގްރާމްގައި މަސްވެރިން އެންހިފުމުގައި އިސްރާފްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ކެޔޮޅު ޝަފީގު ބުނީ މިހާރަކަށް އައިސް މަސްވެރިން އެންދަމަން ދިއްލާ ލައިޓްގެ ފެނަވަރު ރަގަޅުވެފައިވާ ކަމަށާއި އޭގެ ސަބަބުން މާ ތިލަ ސަރަހައްދުތަކަށް ދިއްލުމުގެ ސަބަބުން ފަރުތަކުގެ ގާތަކާއި، ކަނޑުގައި ހުންނަ އެމާއި، އަދި ހިފާ އެންވެސް މަރުވާ ކަމަށެވެ. ޝަފީގު ފާހަނގކުރި ގޮތުގައި އެންވެރިކަމަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ލައިޓިން މައްސަލައެވެ. މަސްވެރިން ބޭނުންކުރާ ލައިޓްތަކުގެ އަލި ގަދަކަމުން، އެމުގެ ލޯތައް ހަލާކުކޮށްލާކަމަށް އޭނާ ބުނިއެވެ.

"މިހާރަކަށް އައިސް ދިއްލާ މީހުންގެ ލައިޓިންގތައް ފެންވަރު ރަނގަޅުވެގެން ގޮސް މާތިލަ ސަރަހައްދުތަކަށް ދިއްލައިގެން އެންނެގީމަ ގާތަށްވެސް މަރުވޭ. ލައިޓިންގް މައްސަލަ މިހާރު އެންވެރިކަމަށް އެންމެ ބޮޑަށް އަންނަ މައްސަލައަކީ. އަލި ގަދަކޮށް އެންހިފުމުން، ހިފާ އެންކޮޅުވެސް މަރުވަނީ. ކަނޑުގައި ހުންނަ އެންވެސް މަރުވަނީ. ލައިޓް އަލިގަދަވީމަ، އެ ނިއްވާލީމަ އެ އެންތަކުގެ ލޯތައްވެސް ހަލާކުވަނީ" ޝަފީގު ބުންޏެވެ.

ޝަފީގު ފާހަނގަ ކުރިގޮތުގައި އެންވެރިކަން ރަގަޅުކުރުމަށް ހުރިހާ އަތޮޅެއްގައިވެސް ވަކި ސަރަހައްދަކަށް ނުދިއްލޭގޮތަށް ހަދަންޖެހެއެވެ. ވަކިން ޚާއްސަކޮށް އައްޑޫ އަތޮޅަކީ އެންވެރިކަން ދަތި އަތޮޅެއްކަމުން، އެންހިފުމަށް ނުދިއްލޭގޮތައް ވަކި ސަރަހައްދެއް ކަނޑައަޅަންޖެހެއެވެ. އަދި އެގޮތަށް ވަކި ސަރަަހައްދެއް ކަނޑައަޅައިފިނަމަ، އައްޑޫގެ ހުރިހާ މަސްވެރިން އެކަމަށް މަރުހަބާކިޔާނެކަމަށްވެސް ޝަފީގު ބުންޏެވެ.

މި ފޯރަމްގައި ބައިވެރިވި އެހެން މަސްވެރިންވެސް ވަނީ ގަދަ އަލި ބޭނުންކުރުމުގައި ވަކި މިންގަނޑެއް ނެތުމުން ދޯނިތަކުން ބޭނުންކުރާ ލައިޓްގެ އަދަދު މިންވަރެއް ނެތި އިތުރުވަމުންދާކަމަށް ފާހަނގަކޮށްފައެވެ. އެގޮތުން ބައެއް ދޯނިތަކުގައި 2000 ވޯޓުގެ 8 ލައިޓްވެސް ބޭނުންކުރާކަމަށާއި އެހެންކަމުން، ވަކި އުސޫލެއް ކަނޑައެޅިފައި ނެތްނަމަ، ލައިޓްތަކުގެ އަދަދުތައް ގިނަވެ، ގަދަ އަލި ބޭނުން ކުރުން އިތުރުވެގެން ދިއުމުން އެންވެރިކަމަށް އިތުރަށް ގެއްލުންވަމުންދާނެކަމަށް މަސްވެރިން ފާހަގަކުރިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!