Rahumath 2

މަޑުއްވަރީއަށް އިތުރު މަސްދޯންޏެއް، 208 ދުވަހުން މަސައްކަތް ނިންމާ އޮޑިބާލައިފި

ރ. އަތޮޅު މަޑުއްވަރީގައި 208 ދުވަހުން މަސައްކަތް ނިންމާ މަސް ދޯންޏެއް ބާލައިފިއެވެ.

މި އޮޑިއަކީ ރ. މަޑުއްވަރީ ޕެންޒީހައުސް، އަބްދުﷲ ހަމީދުގެ 3 ވަނަ ދޯންޏެވެ. މިއީ ހަމީދުގެ ފުރަތަމަ ފައިބަރު މަސްދޯންޏެވެ. މި ދޯންޏަކީ 13 ފަޅުވެރިންނަށް މަހަށް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ 65 ފޫޓުގެ ދޯންޏެކެވެ. މި ދޯނި ޚާއްޞަކޮށްފައިވަނީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ވީނަމަވެސް ދޮށީގެ މަސްވެރިކަން ދަށް ދުވަސްވަރު ބޮޑުކަންނެލީގެ މަސްވެރިކަން ވެސް މި ދޯނިން ކުރާނެކަމަށް ދޯނީގެ އޮޑިވެރިޔާ ބުނެއެވެ. މި ދޯންޏަށް ބޭނުންވާ އިންޖީނާއި މަސްވެރިކަމަށް ބޭނުންވާ އެހެނިހެން ސާމާނު މިހާރު ހޯދާފައިވާކަމަށާއި ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައި މި ދޯނި މަހަށް ފުރޭނެކަމަށް އޮޑިވެރިޔާ ބުނެއެވެ.

208 ދުވަހުގެ ތެރޭގައި މި ދޯނި ބަނދެ ނިންމާފައިވަނީ "އެޑަމް މެރިންސް" އިންނެވެ. އަބްދޫﷲ ހަމީދަކީ މަޑުއްވަރީގައި ކާމިޔާބު އޮޑިވެރިއެކެވެ. މިހާރުވެސް 2 ދޯނި ދުއްވައެވެ. އެއީ ރަހުމަތު-1 އަދި ރަހުމަތު-2 އެވެ. މިއީ ލަކުޑި ދެ ދޯންޏެވެ. އަލަށް ބޭލި ފައިބަރު ދޯންޏާއެކު ހަމީދުގެ އިތުރުން މަޑުއްވަރީގެ ރައްޔިތުންނަށް ބޮޑު ފައިދާއެއް ކުރާނެކަމަށް އެރަށު ރައްޔިތުން ބުނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!