ތުތި ބޯވަދިލަމަސް ނުވަތަ ޑައިމަންޑްބެކް ސްކުއިޑް އަކީ މާކަނޑުގެ ފުން ސަރަޙައްދުގައި ދިރިއުޅޭ ބާވަތެކެވެ.
މިއީ، ތިސަނޮޓިއުތިޑޭ (Thysanoteuthidae) އާއިލާއަށް ނިސްބަތްވާ ހަމައެކަނި ބާވަތެވެ. މިއަށް މިނަން ދެވުނީ، މީގެ ސިފަ ތުތިމަސް ބައްޓަމަށް ހުންނާތީއެވެ. މިބާވަތުގެ ބޯވަދިލަމަސް 3 ފޫޓާއި 4 ފޫޓާ ދެމެދުގެ ދިގުމިނަކަށް ބޮޑުވެއެވެ. މި ދިގުމިނަށް ބޮޑުވާއިރު ބަރުދަނުގައި 30 ކިލޯ ހުރެއެވެ.
2016 ވަނަ އަހަރު ދިވެހިރާއްޖޭގައި އުޅޭ ތުތި ބޯވަދިލަމަހާ ބެހޭގޮތުން މަޢުލޫމާތު ހޯދުމުގެ ގޮތުން ކުރެވުނު ދިރާސާއެއްގައި ނަގައިފައިވާ ތުތި ބޯވަދިލަމަހުގައި އެވްރެޖުކޮށް ހުރީ 1 ފޫޓާއި 2 ފޫޓު ބަޔާ ދެމެދުގެ ދިގުމިނެކެވެ. އަދި ބަރުދަނުގައި 1.60 ކިލޯއިން ފެށިގެން ގޮސް 16.80 ކިލޯ ހުރި ތުތި ބޯވަދިލަމަސް މީގެ ތެރޭގައި ހިމެނެއެވެ. މި ތަޙުލީލުގައި 59 ތުތި ބޯވަދިލަމަސް ނަގައިފައިވެއެވެ.
ތުތި ބޯވަދިލަމަހުގައި ފެންނަން ހުންނަ ވަކިވަކި ސިފަތަކުން އޭގެ ޖިންސު ވަކިކުރަން އެނގެއެވެ. މިއީ ވަރަށް އުމުރު ކުރު، ގިނަވެގެން އެންމެ އަހަރަކަށް ދިރިހުންނަ ބާވަތެކެވެ. މި ސޮރުމެން ފުރާވަރަށް އަރަނީ އުމުރުން 6 މަހާއި 9 މަހާ ދެމެދުގައެވެ. ފިރިހެން ތުތި ބޯވަދިލަމަސް ފުރާވަރަށް އަރަނީ އެއް ފޫޓާއި ދޮޅު ފޫޓާ ދެމެދުގެ ބޮޑުމިނެއްގައެވެ. އަދި އަންހެން ބާވަތް ފުރާވަރަށް އަރާއިރު ބޮޑުމިނުގައި ހުންނަނީ ގާތްގަނޑަކަށް 2 ފޫޓެވެ.
ފިރިހެން ތުތި ބޯވަދިލަމަހުގެ ދަރިފަނި އުފައްދާ ބައިގެ ބަރުދަނާ އަޅާ ބަލާއިރު، އަންހެން ބާވަތުގެ ދަރިމައިވާ ބައިގެ ބަރުދަން އާދަޔާ ޚިލާފަށް ބަރުކަމަށް ފާހަގަކުރެވިފައިވެއެވެ. މިގޮތުން، 2016 ވަނަ އަހަރު ނޮވެންބަރު މަހުގައި ދިވެހިރާއްޖޭގައި ނަގައިފައިވާ ތުތި ބޯވަދިލަމަހުގެ ފިރިހެން ބާވަތްތަކުގެ ދަރިފަނި އުފައްދާ ބައިގެ ބަރުދަނުގައި ހުރީ 20.8 ގުރާމެވެ. އަދި އަންހެން ބާވަތްތަކުގެ ދަރިމައިވާ ބައިގެ ބަރުދަނުގައި އެވްރެޖްކޮށް ހުރީ 270 ގުރާމެވެ. ތުތި ބޯވަދިލަމަހަކީ އެންމެ އަވަހަށް ބޮޑުވާ ބޯވަދިލަމަހުގެ ބާވަތްތަކުގެ ތެރެއިން ބާވަތެކެވެ. އަދި ދިރިއުޅޭ މާޙައުލު ހޫނުވަމުންދާ ވަރަކަށް އެސޮރުމެން ބޮޑުވާ މިންވަރު އަވަސް ވާކަން ފާހަގަކުރެވިފައިވެއެވެ.
ތުތި ބޯވަދިލަމަހަކީ އަހަރެއްގެ ތެރޭގައި ވަރަށް ގިނަ ފަހަރު ބިހާއި ދަރިފަނި ދޫކުރާ ބާވަތެކެވެ. ތުތި ބޯވަދިލަމަސް ދޫކުރާ ބިސް ހުންނަނީ ފެންގަނޑުގެ ތެރޭގައި އޮޔާއެކު ދައުރުވާ ފިޔާތޮށިކުލަ އާއި ވައިލެޓް ކުލައިގެ ޖެލީގަނޑެއް ފަދައިންނެވެ. އަދި ބިސްތައް އެތުރިފައި ހުންނަނީ ދެފަށަށް ހުންނަ އިސްފިރޭނެއް ފަދައިން ވަށްކޮށް ދިގުކޮށެވެ. ތުތި ބޯވަދިލަމަހަކީ މި ގޮތަށް އެ ބާވަތެއްގެ ބިސް ދޫކުރުމުން އެ ބިސްތައް އެކުވެ، ”އެގް މާސް" އުފެދޭ ޒާތުގެ ބިސް ދޫކުރާ މަދު ބާވަތްތަކުގެ ތެރެއިން ބާވަތެކެވެ. މިފަދައިން ބިސް ދޫކުރާ މުއްދަތު 2 މަހާއި 3 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދެއެވެ.

