މިއީ ކޮލީގެ ބާވަތްތަކުގެ ތެރެއިން ރާއްޖެއިން ޢާއްމުކޮށް ފެންނަ ބާވަތެއް ނޫނެވެ.
މިބާވަތް ޢާއްމުގޮތެއްގައި އުޅެނީ ދުނިޔޭގެ ހޫނުހިސާބުތަކުގެ ތިލަފަޅުފަޅުގައެވެ. މިމަހުގެ ހަންގަޑުގައި ރާޅުކަމެއް ހުރެއެވެ. އަދި އަނގައިގައި ގަދައަށް އުފެދިފައިހުންނަ ދަތްތަކެއް ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 30 ސެންޓިމީޓަރަށެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ނުވަތަ 10 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައިވެސް 9 ނުވަތަ 10 މަޑުކަށިހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ، މުށިކުލައެވެ. އަދި ބަނޑުދަށްފަރާތުގައި މިކުލަ ވަރަށް ފަނޑެވެ. މަހުގެ ނިގޫފަތުގެ މަތީކައިރިފަށާއި ތިރީކައިރިފަށުގައި ހުންނަނީ ކަޅުކުލައެވެ. މިއީ ފުށްކޮލީގެ އެހެނިހެން ބާވަތްތަކެކޭ އެއްބީދައިން ފުއްޕާލުމުގެ ކުޅަދާނަކަން ލިބިފައިވާ މަހެކެވެ. މިގޮތުން މިބާވަތުގެ މަސް ފުއްޕާލާކަމަށްވަނީ އެސޮރުމެން ޝިކާރަކުރާ އެހެނިހެން މަސްމަހާމެހިން ރައްކާތެރިކަން ހޯދުމަށެވެ.
މިއީ ޢާއްމުކޮށް އިންސާނުން ކައިއުޅޭ މަހެއްނޫނެވެ. ސަބަބަކީ މަހުގައި ވަރަށް ނުރައްކާތެރި ވިހައެއް އެކުލެވޭކަމެވެ. މި ވިހަހުންނަނީ މަހުގެ މޭގަޑުގައްޔާއި އެތެރެހަށީގައި ހުންނަ ބިހާއި އެހެނިހެން ގުނަވަންތަކުގައެވެ. ވަރަށް ބޮޑަށް ރައްކާތެރިވެ މަސްނުކަޑައިފިނަމަ ވިހައިގެ އަސަރު ހުންނަ މަސްގަޑު އިންސާނާއަށް ގެއްލުންދީފާނެއެވެ. މިބާވަތުގެ ކޮލި ކެވިގެން މީހުން މަރުވާކަމަށްވެއެވެ.
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
