ގެމަނަފުށީ ޖަމިއްޔާތަކުން އިސްނަގައިގެން "ސާފު ކަނޑުފަރު"ގެ ނަމުގައި ޕްލާސްޓިކާއި ދެކޮޅު ކެމްޕެއިނެއް ފަށުމަށް ތައްޔާރުވެޖެއެވެ.
މި ހަރަކާތުގައި ދިވެހި މަސްވެރިން ޖަމިއްޔާއި، އައިޖް ޖަމިއްޔާއާއި ޒުވާން މަސްވެރިޔާއާއި އަދި ގެމަނަފުށީގެ އެހެނިހެން ޖަމިއްޔާ ޖަމާއަތްތައް ބައިވެރިވެއެވެ. މީގެ އިތުރުން ގެމަނަފުށީ ކައުންސިލާއި ގއ އަތޮޅު ކައުންސިލުންވެސް ޕްލާސްޓިކާއި ދެކޮޅަށް ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތުގައި ބައެވެރިވާނެއެވެ.
މި ހަރަކާތަކީ މުޅި ހުވަދޫ އަތޮޅަށް ހިންގުމަށް ރޭވިފައިވާ ހަރަކާތެއްކަމަށް މި ހަރަކާތް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާން މަސްވެރިޔާ ހަސަން ސާޖިން ބުނެއެވެ. އަދި މިކަމުގައި އިސްކޮށް އުޅޭ ޓީމަކީ ރަށުގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ ޒުވާން ޓީމެއްކަމަށް ފާހަގަކުރަމުން ސާޖިން ބުނީ، އެންމެ ފުރަތަމަ މަރުހަލާގައި އިސްކަމެއް ދޭނީ ގެމަނަފުށީގެ ހުރިހާ ދޯންޏަކުން ކުނި ނެގޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ. ވަކިން ޚާއްސަކޮށް ޕްލާސްޓިކް ކަނޑަށް އުކާލުމުގެ ބަދަލުގައި ޕްލާސްޓިކާއި އެހެނިހެން ކުނިތައް ދޯނިތަކުން ނެގޭނެ އިންތިޒާމް ގެމަނަފުށީ ބަނދަރުމަތީގައި ހަމަޖެއްސިފައި ހުންނާނެކަމަށް އޭނާ ބުނެއެވެ. އަދި ނެގޭ ޕްލާސްޓިކް "ރީސައިކަލް"ކުރާ ބަޔަކާ ހަވާލުކޮށް އެ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖައްސާނީ ޖަމިއްޔާތަކުންކަމަށް އޭނޭ ބުންޏެވެ.
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މިހާރުގެ ހާލަތުން ރާއްޖޭގެ ނަން ކިލަނބުވިޔަނުދީ، މަސްވެރިކަމުގެ ދާއިރާއިން ތިމާވެށި ހިމާޔަތްކުރުމުގައި ރާއްޖެއިން ނަމޫނާ ދެއްކުމާއި، ކުނިއަޅާ ފަރާތްތަކަށް މިކަމުގައި ހުރި ނުރައްކަލުގެ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ތިމާވެއްޓަށް ކުނިއެޅުމުގެ ބަދަލުގައި ޒިންމާދާރު ގޮތެއްގައި ފަސޭހައިން ކުނި ނައްތާލެވޭނެ މަގުފަހިކޮށްދިނުމެވެ.
މި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން އަތޮޅު ކައުންސިލާއި ބައެއް ކުންފުނިތަކުން މިހާތަނަށް އެކި ގޮތްގޮތުން އެހީތެރިވެދީފައިވާކަމަށް މި ހަރަކާތް އިންތިޒާމްކުރާ ޒުވާނުން ބުނެއެވެ.