ކަނދުފައްޗަށް ގަސްދުގައި ގެއްލުމެއް ދީފި ނަމަ ޖޫރިމަނާގެ އިތުރުން ޖިނާއީ ދަޢުވާ ކުރެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީ ބުނެފިއެވެ.
މަސްވެރިން އެމްވީއަށް މަޢުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ކަނދުފަތި ކައިރީ މަސްވެރިކަން ކުރުމުގެ ސަބަބުން މިހާރުވެސް ޖޫރިމަނާ ކުރަމުން އަންނަ ކަމަށާއި ކަނދުފައްޗަށް ގެއްލުމެއް ދީފަ ނަމަ ކުރާ ކުރާ ޖޫރިމަނާ އެތައް ގުނައަކަށް ބޮޑު ވާނެ ކަމަށެވެ. ކަނދުފައްޗަކަށް ގެއްލުމެއް ދީފި ނަަމަ ފަސް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ފިޝަރީޒް މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެ މައްސަލަ މޯލްޑިވްސް ޕޮލިސްއަށް ފޮނުވާ ޖިނާޢީ ދަޢުވާވެސް ކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
ފިޝަރީޒް މިނިސްޓްރީން މިކަން ހަނދާންކޮަށްދީފައި މިވަނީ ކަނދުފަތިކައިރީ ސްޕޯޓްސް ފިޝިންގެ މަސްވެރިކަން ނުކުރެވޭ ނަމަ ކަނދުފަތި ކަނޑާލާނެ ކަމުގެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ.
ކަނދުފަތިކައިރީ ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމުގެ ސަބަބުން މިހާތަނަށް 7 ދޯންޏެއްގެ ކެޔޮޅުންނާއި އޮޑިވެރިން ވަނީ 5000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. ނަމަވެސް ކަނދުފައްޗަކަށް ގެއްލުމެއް ދީގެއް މިހާތަނަށް އެއްވެސް މައްސަލައެއް ބެލިކަމުގެ މަޢުލޫމާތެއް ނުލިބެއެވެ.
ރާއްޖޭގައި އަޅާފައިވާ ހުރިހާ އޮއިވާލި ކަނދުފަތިތަކަކީ ދޮށީގެ މަސްވެރިކަމަށް ޚާއްޞަކޮށްގެން އަޅާފައިވާ ކަނދުފަތިތަކެވެ.



