މަސްވެރިކަމާއި ގުޅޭ

ފިލޮޅު - ފޮޓޯ: ފިޝެސް އޮފް އޮސްޓްރޭލިއާ

ފިލޮޅު

މިއީ ރާއްޖޭގެ ފަޅުފަޅުން ވަރަށް ގިނައިން ފެންނަ ބާވަތެކެވެ.

މިބާވަތުގެ މަހަށް ދިވެހިން ފިލޮޅު ކިޔާއުޅުނުކަމުގައިވިއަސް މިއީ ފިލޮޅު އާއިލާގެ މަހެއްނޫނެވެ. މިމަހަށް ފިލޮޅު ކިޔާ އުޅެނީ މަހުގެ ސިފަގަޑު ފިލޮޅަކާ ވައްތަރުވުމާއެކު މިބާވަތުގެ ޅަމަހުގައި ލައްފިޅުގައި ހުންނަކަހަލަ ކަޅުކުލައިގެ ލަފެއް ހުންނާތީކަމަށް ބެލެވެއެވެ. މިއީ މީރު އަދި ދިވެހިން ކެއުމަށް ބޭނުންކުރާ ފަރުމަހުގެ ބާވަތެކެވެ. މިމަސް ފުން ވިލުވިލުގައްޔާއި ތިލަ ފަޅުގައި ކުދި ޢައިން ހަދައިގެން އުޅެއެވެ.

ރަށްރަށުގެ ފަޅުތެރޭގައި ދާއަޅައިގެން އަދި ރޮދުލައިގެން ވަރަށް ގިނައިން މިބާވަތް ހިފާއުޅެއެވެ. އަދި ލޮނުމަސްއަޅަންވެސް ބޭނުންކުރާ މަހެކެވެ. މިއީ 60 ސެންޓިމީޓަރަށް ބޮޑުވާމަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 13 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 5 ނުވަތަ 9 މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ ފަނޑު ރީނދޫކުލައެވެ. މަހުގެ ދިގަށް ތަންކޮޅެއް ގަދަކޮށް ރޮނގުތަކެއް ފެންނަން ހުރެއެވެ. މިމަހުގެ އެންމެ ޚާއްސަ އެއްސިފައަކީ މަހުގެ މަތީ ކޮތަރިބައިގެ ކަށިތަކުން މަޑުކަށިތައް ގުޅޭ ހިސާބުން މަހުގެ ދެއަރިމަތީގައި ކަޅުކުލައިގެ ލަފެއް ފާޅުކޮށް ހުރުމެވެ. މަހުގެ އުރަހަތަކުގެ ކުލައަކީ ރީނދޫކުލައެވެ. މަހުގެ ޢާއްމު ކާނާއަކީ މަހާއި ކަކުނިޕާޑުގެ ސޫތްޕެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: One-spot snapper

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!