ވަނުއާޓޫއިން ހިފަހެެއްޓި ޗައިނާގެ މަސްބޯޓުތައް - ފޮޓޯ: ދަ ގާޑިއަން
ވަނުއާޓޫއިން ހިފަހެެއްޓި ޗައިނާގެ މަސްބޯޓުތައް - ފޮޓޯ: ދަ ގާޑިއަން

ޤަވާއިދާ ޚިލާފަށް މަސްވެރިކަންކުރި ޗައިނާ ބޯޓުގެ ކެޕްޓަނުން ޖަލަށްލާން ހުކުމް ކޮށްފި

ވަނުއާޓޫ ކަނޑުގެ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގަތް ޗައިނާގެ ދެ މަސް ބޯޓުގެ ކެޕްޓަނުން ޖަލަށްލާން ހުކުމްކޮށް ކޮށްފިއެވެ.

ޗައިނާގެ "ޑޮންގ ގެންގެޒިންގ"13 އަދި "ޑޮންގ ގެންގެޒިންގ" 16 ނަމަކަށް ކިޔާ މި ބޯޓުތައް ހިފަހެއްޓީ ޖަނުއަރީ މަހުގެ ތެރޭގައެވެ. މި ދެ ބޯޓުގެ ކެޕްޓަނުން 5 އަހަރަށް ޖަލަށްލުމަށް ހުކުމްކުރުމުގެ އިތުރުން އެތައް މިލިއަން ޑޮލަރަކުން ޖޫރިމަނަކޮށްފައިވާ ކަމަށް ދަ ގާޑިއަން ނޫހުން ރިޕޯޓް ކުރެއެވެ.

މި ބޯޓުގައި މަސައްކަތް ކުރަމުން ދިޔަ 14 އޮފިސަރުންގެ އިތުރުން އެހެން ފަޅުވެރިންތައްވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. އެހެންނަމަވެސް މި ހުރިހާ ފަޅުވެރިންގެ ޕާސްޕޯޓްތައްވަނީ ހިފަހައްޓާފައެވެ. ވަނުއާޓޫގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހުރިހާ ފަޅުވެރިންނަށް ދައުވާ ކުރިނަމަވެސް، ޖޫރިމަނާއާއި ޖަލު ހުކުމް އައިސްފައިވަނީ ބޯޓުގެ ދެ ކެޕްޓަނުންކަމުގައިވާ ޗެން ޔޫ އާއި ޔަންގ ދަޗާއޯ އަށެވެ.

ވަނުއާޓޫގެ ކަނޑުގެ ސަރަހައްދަށް މި ބޯޓުތައް ވަދެފައިވަނީ ސެޓްލައިޓް ޑިވައިސްތައް ނިއްވާލައިގެންނެވެ. އަދި ވަނުއާޓޫގެ ޕްރޮސެކިއުޓަރުން ތުހުމަތު ކުރާ ގޮތުގައި މި ދެ ބޯޓުގައި ހަރުކޮށްފައިހުރި ސެޓްލައިޓް ޑިވައިސްތައް ފަޅުވެރިންވަނީ ހަލާކުކޮށްލާފައެވެ.

މިބޯޓުތަކުން ދާއަޅައިގެން މަސްވެރިކަން ކުރަން ބޭނުންކުރާ ސާމާނުތައްވަނީ ފެނިފައިވީނަމަވެސް، މި ބޯޓުތައް އޮޕަރޭޓްކުރާ ކުންފުނިން ބުނެފައިވަނީ ވަނުއާޓޫގެ ކަނޑޫގެ ސަރަހައްދުގައި މަސްވެރިކަން ކޮށްފައިނުވާނެކަމަށެވެ. އަދި ސެޓްލައިޓް ޑިވައިސްތައްވެސް ނިއްވާނުލާކަމަށާއި ބޯޓުތައް ދަތުރުކުރަމުން ދިޔައީ ވަނުއާޓޫއިން މަސްވެރިކަން ކުރުމުގެ ހުއްދަ ހޯދުމަށް ކަމަށެވެ.

ޗައިނާއަކީ ދުނިޔޭގައި އެންމެ ގިނައަދަދކަަށް ދުރު ކަނޑުތަކުން މަސްވެރިކަންކުރާ އުޅަނދުތައް އޮންނަ ގައުމެވެ. ދުރު ކަނޑުތަކަށް ދަތުރުކޮށްގެން މަސްވެރިކަން ކުރާ ޗައިނާގެ 17000 އުޅަނދު ހަރަކާތްތެރިވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!