ޕްލާސްޓިކް ކައިއުޅޭ އެތައް ސަތޭކަ މަހުގެ ބާވަތްތަކުގެ ތެރޭގައި އިންސާނުން ކެއުމަށް ބޭނުންކުރާ މަސްވެސް ހިމެނޭކަމަށް އިކޯ ވޮޗްގައި ޝާއިއުކޮށްފަިވާ ދިރާސާއެއްގައި ބުނެފިއެވެ.
މި ދިރާސާކުރި ޓީމުން ބުނެފައިވާގޮތުގައި ކިރިޔާ ލޮލަށް ފެންނަވަރުގެ ޕްލާސްޓިކް އެތިކޮޅުތައް ކަނޑުގެ މަތީ ފަށަލައިން ގޮސް އެންމެ އަޑިއާހަމަށް ފެތުރިފައި އެބަހުއްޓެވެ. މި ގޮތަށް ކަނޑުގައި އޮޔާދާ "މައިކްރޯ ޕްލާސްޓިކް" އުފެދިގެންދަނީ ކަނޑަށްއަޅާ ކުނީގެ ބާވަތްތައް ކަމުގައި ވާ ކޮތަޅާއި، ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކުންނެވެ.
ދިރާސާކުރި ޓީމުން ފާހަނގަކުރި ގޮތުގައި ލޮލަށް ކިރިޔާ ފެންނަ ވަރުގެ ޕްލާސްޓިކް އެތިކޮޅުތައް ކަނޑުތަކުގައި އޮޔާ ދިއުމަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. ސަބަބަކީ ކަނޑުގެ ދިރުންތަކުގެ ތެރޭގައި ހިމެނޭ މަސްމަހާމެހީގެ އިތުރުން އެހެނިހެން ދިރުންތަކަށް ޕްލާސްޓިކް ކެވޭތީއެވެ.
މިދިރާސާ ކުރި ޓީމުން ޝާއިއުކުރި ކަރުދާހުގައި މިހާތަނަށް 386 މަހުގެ ބާވަތަށް ޕްލާސްޓިކް ކެވިފައި ހުރިކަމަށް ފާހަގަކޮށްފައިވާއިރު، މީގެތެރެއިން 210 ބާވަތަކީ ވިޔަފާރީގެ ގޮތުގައި ބޭނުންކުރެވޭނެ މުހިންމު ބާވަތްތައްކަމަށް ބުނެފައިވެއެވެ.
މިޓީމުން އިތުރަށް ބުނެފައިވާ ގޮތުގައި މިހާ ގިނަ އަދަދަކަށް ޕްލާސްޓިކް ބޭނުންކޮށްފައިވާ ބާވަތްތައް ފެނުމުގެ އެއް ސަބަބަކީ، ކަނޑުތަކުގައި ޕްލާސްޓިކް ކުނީގެ މިންވަރު އިތުރުވުމާއި އަދި "މައިކްރޯ" ޕްލާސްޓިކް ދެނެގަތުމުގެ ޤާބިލުކަން އިތުރުވެގެން ދިއުމެވެ.
ކަނޑަށް އަޅާ ޕްލާސްޓިކް ކުނީގެ މައްސަލައަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. އިކޯ ވޮޗްގައި ޝާއިއުކުރި ރިޕޯޓުގެ އިތުރުން، މީގެ ކުރިންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޝާއިއުކޮށްފައިވާ 129 ކަރުދާހުގައި 555 ބާވަތުގެ މަސްމަހާމެހި ދިރާސާކުރިއިރު، ތިންބައިކުޅަ ދެބަޔަށްވުރެ ގިނަ ބާވަތްތަކުގެ މަސްތަކަށް ޕްލާސްޓިކް ކެވިފައިހުރިކަމަށް ބުނެފައިވެއެވެ.