މަސްވެރިކަމާއި ގުޅޭ

Fishermen UNION ceremony 15

މަސްވެރިކަން އިސްތިހާރުކުރުމުގައި ތަފާތުކުރުން ހުއްޓާލާ: ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން

މަސްވެރިކަން އިސްތިހާރުކުރުުގައި ތަފާތުކުރުން ހުއްޓާލުމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ގޮވާލައިފިއެވެ.

ބީކޭއެމްޔޫގެ ރަަސްމީ ފޭސްބުކް އެކައުންޓުގައި ހިއްސާކުރި ޕޯސްޓެއްގައި އެ ޔޫނިއަންއިން ބުނެފައިވަނީ މަސްވެރިކަމަކީ ހަމައެކަނި ދޮށީގެ މަސްވެރިކަން ނޫންކަމަށާއި ކަންނެލި މަސްވެރިކަމަކީވެސް ރާއްޖޭގެ ބޮޑު އާބާދީއެއް އާމްދަނީ ހޯދުމަށް ކުރަމުން އަންނަ ދެމެހެެއްޓެނިވި މަސައްކަތެއް ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ޚާއްސަކޮށް ދޮށީގެ މަސްވެރިކަން އިސްތިހާރުކުރާކަމަށް ބީކޭއެމްޔޫއިން ބުނެއެވެ. އިނގިރޭސި ވިލާތައް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރު، ޑރ. ފަރަހަނާޒް ފައިސަލްވެސް އިސްކަން ދެއްވަނީ ދޮށީގެ މަސްވެރިކަން އިސްތިހާރުކުރުމަށްކަމަށްބުނެ، ސަފީރު ކުރައްވާފައިވާ 2 ޓްވީޓެއް ވަނީ ބީކޭއެމްޔޫގެ ޕޯސްޓްގައި ހިމަނާފައެވެ.

''މިނިސްޓްރީ، މިފްކޯ، ކަނދުފަތި، ސަރުކާރުގެ ބަޖެޓް ވެސް ދޮށީގެ މަސްވެރިކަމަށް ޚާއްޞަ، އެމްބެސެޑަރ ފަރަހަނާޒް ވެސް ހަމައެކަނި ދޮށީގެ މަސްވެރިކަން ޕްރޮމޯޓް ކުރުމުގައި. އެހެން މަސްވެރިން މިކުރަނީ މަސްވެރިކަމެއް ނޫންތޯ؟ މިއަށް މަސްވެރިކަމުގެ މެދުގައި ތަފާތުކުރުންނޫން ދެން ކީކޭތޯ ކިޔާނީ؟ ބޮޑު ކަންނެލި މަސްވެރިކަމަކީ ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް އާމްދަނީ ހޯދުމަށް ވަރަށް ތިމާވެއްޓާ ރައްޓެހި ގޮތުގައި ކުރާ މަސްވެރިކަމެއް. މިމަސްވެރިކަންވެސް ފްރޮމޯޓް ކޮށްދެއްވާ. ތަފާތުކުރުން ހުއްޓާލާ'' ބީކޭއެމްޔޫއިން ބުނެފައިވެއެވެ.

ރާއްޖޭގެ މަސްވެރިކަން އިސްތިހާރުކުރުމަށް ސަރުކާރާއި، މަސްކުންފުނިތަކާއި އިނގިރޭސި ވިލާތުގެ ހައިކޮމިޝަނުން ގުޅިގެން  މިދިޔަ އަހަރުންފެށިގެން މަސައްކަތްތައް ކުރަމުންދާ ކަމަށް މީގެ ކުރިން މަސްކުންފުނިތައް ތަމްސީލުކުރާ އެމްއެސްޕީއޭއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް، ދިވެހި މަސްވެރިކަން ބޭރުގެ ބާޒާރުތަކުގައި އިސްތިހާރުކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތް އިތުރުކޮށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މަސްކުންފުނިތަކާއި މަސްވެރިންދަނީ ބުނަމުންނެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އުފެއްދުމާއިއެކު، އެ ޖަމިއްޔާއިން އަންނަނީ ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި ގިނަ މަސައްކަތްތަކެއްކޮށް، އެ މަސްވެރިންގެ ހައްގުގައި ކެނޑިނޭޅި ވަކާލާތު ކުރަމުންނެވެ. ދާދިފަހުން ބީކޭއެމްޔޫއިންވަނީ މިފްކޯގެ އިސްވެރިންނާއި ބައްދަލުކޮށް ކަންނެލި މަސްވެރިންނަށް އެހެން މަސްވެރިންނެކޭ އެއް އަގެއްގައި އައިސް ލިބޭނެ ގޮތް ހަމަޖެއްސުމަށް މަޝްވަރާކޮށް އެ އިންތިޒާމްތައް މިހާރުވަނީ ހަމަޖެހިގެން ގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!