އަންނަ ހަފްތާގައި ހިރިލަންދޫ އައިސްޕްލާންޓުން އައިސް ލިބޭނެ ކަމަށް އެރަށު އައިސް ޕްލާންޓުން ބުނެފިއެވެ.
މަސްވެރިން އެމްވީއަށް މަޢުލޫމާތު ދެއްވަމުން ހިރިލަންދޫ އައިސް ޕްލާންޓް ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރާތުން ބުނީ، އައިސް ޕްލާންޓްގެ ޚިދުމަތް މެދުކެނޑިފައި ހުންނަތާ ހަފްތާއެއްހާ ދުވަސް ވެދާނެކަމަށެވެ. އައިސް ޕްލާންޓަށް މައްސަލަ ދިމާވީ މެދުކެނޑުމެއްނެތި މާ ގިނައިރު ހިންގުމުގެ ސަބަބުން ޕްލާންޓްގެ ބެއަރިން ތަކެއް ހަލާކުވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. އައިސް ޕްލާންޓްގެ މަރާމާތަށް ބޭނުންވާ ސާމާނު މާލެއިން ރަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެންމެ ގިނަވެގެން ހަފްތާއެންހާ ދުވަހުގެ ތެރޭގައި އައިސް ޕްލާންޓްގެ ޚިދުމަތް ލިބޭނެކަމަށް ހިރިލަންދޫ އައިސް ޕްލާންޓުން ބުނެއެވެ.

ހިރިލަންދޫ އައިސް ޕްލާންޓަކީ ވަރަށް ޑިމާންޑް ބޮޑު އައިސް ޕްލާންޓެކެވެ. މަސްވެރިން ބޭނުންވާ ވަރާ ގާތަކަށްވެސް އެއައިސް ޕްލާންޓުން އައިސް ނުއުފެއްދެއެވެ. މިއީ ތ. އަތޮޅުގައި ހުރި ހަމައެކަނި އައިސްޕްލާންޓެވެ.

މަސްވެރިންނަށް ވިއްކާ އައިސްގެ އަގު މިފްކޯއިން ހެޔޮކުރުމާއި ގުޅިގެން އައިސްއަށް އޮންނަ ޑިމާންޑް މާބޮޑަށް އިތުރުވެފައިވާކަމަށް މިފްކޯއިން ބުނެއެވެ. ހިރިލަންދޫގެ އައިސްޕްލާންޓަކީ ދުވާލަކު 25 ޓަނު ހެދޭ އައިސްޕްލާންޓެކެވެ. މި އައިސްޕްލާންޓް ހިންގަނީ މިފްކޯއިންނެވެ.