ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ފެކްޓްރީއެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
އިންޑިއާގެ އެހީގައި ތަރައްޤީކުރާ މި މަސް ޕްލާންޓާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ފޮރިން މިނިސްޓަރ ޑރ.އެސް ޖައިޝަންކަރް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަސް ޕްލާންޓުން ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، ވެލިއު-އެޑަޑް ޕްރޮޑަކްޓުތަކެއް އުފެއްދުން ކަމަށްވާއިރު މި މަސް ޕްލާންޓުން 20 ޓަނުގެ އައިސް އުފައްދާ 10 ޓަނުގެ މަސް ފިނިކުރުމުގެ ކެޕޭސިޓީ ހުންނާނެއެވެ. މި މަސްޕްލާންޓުން މަސް ކިރުމާއި، ސާފުކުރުމާއި، ފިނިކުރުމާއި، ގަނޑުކުރުމާއި، ވެކިއުމްޕެކް ކުރުމާއި، ޕެކޭޖްކުރުމާއި ކޮލިޓީ ޓެސްޓުކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރެވޭ ކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތު ދެއެވެ.
މި ޕްރޮޖެކްޓު ހިންގާނީ ނ. ކެނދިކުޅުދޫ ކައުންސިލް އިސްނަގައިގެން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ގުޅިގެންނެވެ.
ސަރުކާރުން މިހާރުވެސްދަނީ އައްޑޫ ސިޓީގައި ގޭދޮށު މަސް ޕްލާންޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މިމަޝްރޫއުގެ ދަށުން އައްޑޫގައި ގޭދޮށު މަސްޕްލާންޓްތައް ގާއިމުކުރަނީ އައްޑޫ ސިޓީހިތަދޫ، ހުޅުމީދު އާއި މަރަދޫގަ އެވެ. މި އަވަށްތަކަކީ އައްޑޫގައި މަސްވެރިކަން އެންމެ ފުޅާކޮށް ކުރާ އަވަށްތަކެވެ.
މަސްޕްލާންޓްތައް ހެދުމުން 400-800 ޓަނާ ދެމެދުގެ އަދަދަކަށް މަސް ގަނެ ޕްރޮސެސް ކުރެވޭނެ ކަމަށާއި މި މަޝްރޫއުގެ ސަބަބުން އައްޑޫގެ އިގްތިސާދީ ތަރައްގީ އަށް މަގުފަހިވާނެ ކަމަށް އެރަށު ކައުންސިލުން މީގެކުރިން ބުނެފައިވެއެވެ.
މީގެ ތެރެއިން މަސް ޕްލާންޓްތައް ބަހައްޓައި، ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، ވެލިއު އެޑްކުރެވޭ ބާވަތްތައް އުފެއްދުން ހިމެނެ އެވެ. އެގޮތުން މަސްޕްލާންޓުތަކުން މަސްކިރުމާއި ސާފުކުރުމާއި ފިނިކުރުމާއި ގަނޑުކުރުމާއި ވެކިއުމް ޕެކްކުރުމާއި ޕެކޭޖްކުރުމާއި ކޮލިޓީ ޓެސްޓުކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތް ވެސް ކުރެވޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކުރެއެވެ.